ސޯމާލިއާގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ މުދާ އުފުލާ، ކާގޯ ބޯޓެއް ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް، އެ ސަރަހައްދުގެ ކަނޑުމަތީގެ ހަރަކާތްތައް މޮނިޓަކުރާ ފަރާތްތަކުން ބުނެފި އެވެ.

މިއީ 'ހޯން އޮފް އެފްރިކާ' ސަރަހައްދުގައި ކަނޑުމަތީގެ ހަމަލާތައް އަލުން އިތުރުވާން ފެށިފަހުން ހިންގި މިފަދަ އެންމެ ފަހުގެ ހާދިސާ އެވެ.

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އާއި އީޔޫގެ މެރިޓައިމް ސެކިއުރިޓީ ސެންޓަރު އިންޑިއަން އޯޝަން (އެމްއެސްސީއައިއޯ) އިން ނެރުނު އެލާޓްތަކުގައިވާ ގޮތުން، ސޯމާލިއާގެ މަރާޔޭ ކައިރިން 8 މީހަކު ވަނީ އެ އުޅަނދަށް އަރައި، އެ އުޅަނދުގެ ކޮންޓްރޯލް އަތުލައިގެންފަ އެވެ. ނަމަވެސް އެ އުޅަނދުގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.

"މި ވަގުތާ ހަމައަށް ފަޅުވެރިން ތިބީ ސަލާމަތުން ކަމަށް ރިޕޯޓްކޮށްފައިވޭ،" އެމްއެސްސީއައިއޯ އިން ބުންޏެވެ.

ސޯމާލިއާގެ އައްސޭރިފަށުގައި ކަނޑުފޭރުމުގެ ހާދިސާތައް 2000 ގެ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުން ގޮސް 2011 ވަނަ އަހަރަކީ އެކަން އެންމެ ބޮޑުވި އަހަރެވެ.   ނަމަވެސް ބައިނަލްއަގުވާމީ ނޭވީ ފޯސްތައް ހަރަކާތްތެރިވާން ފެށުމާއި، ވިޔަފާރި އުޅަނދުފަހަރުން ބޭނުންކުރަން ފެށި އާ އުކުޅުތަކުގެ ސަބަބުން މިފަދަ ހާދިސާތައް ވަރަށް ބޮޑަށް މަދުކުރެވުނެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި ސޯމާލިއާގެ ފޭރޭ މީހުން އަލުން ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.

ތެލާއި ގަސްކާނާ އުފުލާ ތިން ޓޭންކަރެއް އޭޕްރީލް އަދި މެއި މަހުގެ ތެރޭގައި އަތުލައިގަނެ، ސޯމާލިއާގެ އައްސޭރިފަށުގައި ހިފަހައްޓާފައިވާއިރު، ޖުލައި މަހު ވަނީ ޔަމަންގެ ކަނޑުގެ ސަރަހައްދުން ކެމިކަލް ޓޭންކަރެއް އަތުލައިގަނެ ސޯމާލިއާގެ އައްސޭރިފަށަށް ގެންގޮސްފަ އެވެ. މި ހަމަލާތަކުގެ ސަބަބުން، ރަތްކަނޑުން ދަތުރުކުރާ އުޅަނދުފަހަރަށް އޮތް ނުރައްކާ އިތުރުވެގެންދެ އެވެ. ރަތްކަނޑަކީ އަރަބި ކަނޑުއޮޅީގެ އަނެއް ފަރާތުގައިވާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރި ފަހުން ވަރަށް މުހިންމު ސަޕްލައި ރޫޓެކެވެ. -- އޭއެފްޕީ