ސޯމާލިއާގެ އައްސޭރިފަށުން، ތެޔޮ އުފުލާ ޓޭންކަރެއް ހައިޖެކްކޮށް، އެ ގައުމުގެ ކަނޑުގެ ސަރަހައްދަށް ވައްދާފައިވާ ކަމަށް އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީ (ޔޫކޭއެމްޓީއޯ) އިން މިއަދު ބުނެފި އެވެ.
މި ހާދިސާއާ އެކު ރަތްކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަމާ މެދު އަނެއްކާވެސް ވަނީ ސުވާލު އުފެދިފަ އެވެ. އަރަބި ޕެނިންސިއުލާގެ އަނެއް ފަރާތުގައި އޮންނަ ހޯރްމޫޒް ކަނޑުއޮޅި އީރާނުން ކޮންޓްރޯލް ކުރަމުންދާތީ، ރަތްކަނޑަކީ މިހާރު މުދާ އުފުލުމުގައި ވަރަށް މުހިންމު މަގަކަށް ވަނީ ވެފަ އެވެ.
ޔޫކޭއެމްޓީއޯ އިން ބުނި ގޮތުގައި، މި ޓޭންކަރު ހިފަހައްޓާފައިވަނީ މިދިޔަ އަންގާރަ ދުވަހު ސޯމާލިއާގެ މަރޭޔޯ ސިޓީގެ އިރުއުތުރުންނެވެ.
"އަސްކަރީ އިދާރާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުއްދަނެތް ބަޔަކު ވަނީ ޓޭންކަރުގެ ކޮންޓްރޯލް އަތުލައި، ސޯމާލިއާގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް 77 ނޯޓިކަލް މޭލު ދެކުނަށް އުޅަނދު ދުއްވާފައި،" އެ އެޖެންސީން ބުންޏެވެ.
މިކަމާ ގުޅޭގޮތުން އޭއެފްޕީން ކުރި ސުވާލުތަކަށް ސޯމާލިއާގެ ކަމާބެހޭ ފަރާތްތަކުން އަދި ޖަވާބެއް ނުދެ އެވެ.
ސޯމާލިއާއަކީ އެތެރޭގެ ހަމަނުޖެހުންތަކާއި ސިޔާސީ މައްސަލަތައް ބޮޑު ގައުމެކެވެ. އެ ގައުމުގެ މަރުކަޒީ ސަރުކާރުން ދަނީ ވަކިވަކި ސަރަހައްދީ ދައުލަތްތަކުގެ މައްސަލަތަކާއި، އަލްގައިދާއާ ގުޅުން އޮންނަ އަލް-ޝަބާބް ޖަމާއަތުގެ ހަމަލާތަކާ ކުރިމަތިލަމުންނެވެ. މީގެ އިތުރުން، ސޯމާލިއާއިން ވަކިވެގަތުމަށް މަސައްކަތްކުރާ ސޯމާލީލޭންޑްގެ މިނިވަންކަން ބަލައިގަތުމަށް ވެސް ސޯމާލިއާ ސަރުކާރުން ދެކޮޅު ހަދަ އެވެ. ސޯމާލީލޭންޑްގެ މިނިވަންކަން މިހާތަނަށް ބަލައިގަނެފައިވަނީ ހަމައެކަނި އިޒްރޭލުންނެވެ.
ސޯމާލިއާގެ ކަނޑުފޭރޭ މީހުންގެ ނުރައްކާ އެންމެ ބޮޑުވީ 2011 ވަނަ އަހަރު އެވެ. ނަމަވެސް ޔޫރަޕިއަން ޔޫނިއަން، އިންޑިއާ އަދި އެހެނިހެން ބާރުތަކުން އެ ސަރަހައްދުގައި ކަނޑުގެ އަސްކަރީ މިޝަންތައް ހަރަކާތްތެރިވާން ފެށުމުން، މިފަދަ ހަމަލާތައް ފަހުން ވަނީ މަދުވެފަ އެވެ.
ގަލްފް އޮފް އަދަންގެ އަނެއް ފަރާތުގައި އޮންނަ ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ އެހީތެރިކަން ލިބޭ ހޫތީ ހަނގުރާމަވެރިން ވެސް މީގެ ކުރިން ވަނީ ކަނޑުދަތުރުފަތުރު ކުރާ އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.
ބުރާސްފަތި ދުވަހު ޔޫކޭއެމްޓީއޯ އިން ވަނީ ހަތިޔާރު އެޅި 11 މީހަކުވެގެން ސޯމާލިއާގެ މަސް ބޯޓެއް ހައިޖެކްކޮށްފައިވާ ކަމަށާއި، އަދި އެހެން ހާދިސާއެއްގައި، ތެޔޮ އުފުލާ ބޯޓަކަށް ވެސް ހަތިޔާރު އެޅި ގްރޫޕަކުން އަރާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.
"މި ހާދިސާތަކަށް ބަލާއިރު، ކަނޑުފޭރުމުގެ ބޮޑު ނުރައްކަލެއް އޮތްކަން ހާމަވޭ." އެ އިދާރާއިން ބުނި ބުންޏެވެ. -- އޭއެފްޕީ