ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އޭނާގެ ވަކީލުން ހުށަހެޅި މައްސަލައަކާ ގުޅިގެން، އޭނާ ހޮސްޕިޓަލަށް ގެންގޮސް ސިއްހީ ހާލަތު ވަޒަންކުރުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ފަނޑިޔާރު ޝާހިދު ވަހީދު ވިދާޅުވީ، ކޮރަޕްޝަނުގެ ތުހުމަތުގައި 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ބަންދުކޮށްފައި ހުންނަވާ، އުމުރުން 73 އަހަރުގެ އިމްރާން، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ވެރިރަށް އިސްލާމާމާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ގެންދެވޭނެ ކަމަށެވެ.

އިމްރާނާއި އާއި އޭނާގެ އަނބިކަނބަލުންގެ މައްޗަށް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

މި އަހަރުގެ ތެރޭގައި ހޮސްޕިޓަލަކުން އިމްރާންގެ ލޮލަށް ފަރުވާ ދީފައިވާއިރު، އާއިލާ އާއި ވަކީލުން ބުނާ ގޮތުގައި އޭނާގެ ކަނާތު ލޮލުގެ ފެނުން މިހާރު ވަނީ ގާތްގަނޑަކަށް މުޅިން ގެއްލިފަ އެވެ. ޕާކިސްތާނުގެ ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާން ބޮޑުވަޒީރުކަން ކުރެއްވީ 2018 އިން 2022 އަށެވެ. އޭނާ މަގާމުން ވަކިކުރީ ސަރުކާރާއި ގައުމުގެ ބާރުގަދަ އަސްކަރިއްޔާއާ ދެމެދު އުފެދުނު ސިޔާސީ ނުތަނަވެސްކަމުގެ ތެރެއިން ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ.

އޭގެ ފަހުން އޭނާގެ މައްޗަށް ކޮރަޕްޝަނާއި އޭގެ އިތުރުން ވެސް ގިނަ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ. އިމްރާނާއި އޭނާގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނަމުން އަންނަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

މޭ 2023 ގައި އޭނާ ހައްޔަރުކުރުމާ ގުޅިގެން މުޅި ގައުމުގައި މުޒާހަރާތައް ފެށުނުއިރު، އޭގެ ތެރެއިން ބައެއް މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ، އެތައް ސަތޭކަ ބަޔަކު ހައްޔަރުކުރި އެވެ.