ޖަލަށް ލާފައިވާ، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު އިމްރާން ޚާން، ސުޕްރީމް ކޯޓުގެ އަމުރަށް މެޑިކަލް ޓެސްޓުތަކެއް ހަދަން ހޮސްޕިޓަލަށް ބަދަލުކޮށްފި ކަމަށް އޭނާގެ ސިޔާސީ ޕާޓީން މިއަދު ބުނެފި އެވެ.

ވެރިރަށް އިސްލާމާބާދުގައި ހުންނަ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލް ކައިރިއަށް މުގުރުބުރި ހިފައިގެން ތިބި ސަތޭކައަށްވުރެ ގިނަ ފުލުހުން ނެރެ، އެ ކްލިނިކަށް ވަދެވެން ހުންނަ މަގުތައް ވަނީ ބަންދުކޮށްފަ އެވެ.

"އިމްރާން، ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ވަނީ ކަށަވަރުވެފައި،" އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ތަރުޖަމާނު ޒުލްފީ ބުޚާރީ އޭއެފްޕީއަށް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ އަމުރަށް ވަނީ އަމަލުކޮށްފައި،" އެ ގައުމުގެ ކުރީގެ ރައީސް އަދި ޕީޓީއައިގެ މެންބަރެއް ކަމަށްވާ އާރިފް އަލްވީ ވެސް އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރިކަން ކަށަވަރުކޮށްދެއްވަމުން އެކްސްގައި ލިޔުއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ މިކަމާ ގުޅިގެން މުޅި ގައުމު ގެންދަނީ "އުފަލުން ނަށަމުން" ކަމަށް ވިދާޅުވެފަ އެވެ.

އިމްރާންގެ ފާޓީން ފަހުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އިމްރާން ވަނީ އަލުން އަނބުރާ ޖަލަށް ބަދަލުކޮށްފަ އެވެ. 

އުމުރުން 73 އަހަރުގެ އިމްރާނާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް ކޮރަޕްޝަނާއި މާލީ ހީލަތު ކުށް ސާބިތުވެ، މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭގެ މާ ކުރިން، 2023 ވަނަ އަހަރުން ފެށިގެން ޖަލުގައި ހުންނެވި އިމްރާން ސިފަކުރައްވާ ގޮތުގައި އެ ހުރިހާ ދައުވާތަކަކީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ދައުވާތަކެކެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ފަރުވާ ދޭން ގެންދިޔަ ހޮސްޕިޓަލްގެ ބޭރުގައި ފުލުހުންގެ ވެހިކަލެއް މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ފަރުވާ ދޭން ގެންދިޔަ ހޮސްޕިޓަލްގެ ބޭރުގައި ފުލުހުންގެ ވެހިކަލެއް މަޑުކޮށްލައިގެން. -- ފޮޓޯ: އޭއެފްޕީ

އިމްރާނަށް ތާއީދުކުރާ ބަޔަކު ވަނީ، އޭނާ ގެންދިޔަ ހޮސްޕިޓަލް ކައިރިއަށް އެއްވެފަ އެވެ. އަދި އެހެން ބައެއް މީހުން ވަނީ ދަތުރުކުރަމުންދިޔަ ކާރުތަކަށް މާ އުކައި މަރުހަބާ ކިޔައިފަ އެވެ.

އިމްރާން ހޮސްޕިޓަލަށް މި ގެންދިޔައީ އެކަން އެގޮތަށް ކުރަން ކޯޓުން ނެރުމު އަމުރު އިލްތިމާސްކުރާނެ ކަމަށް ސަރުކާރުން ބުނުމަށް ފަހުގަ އެވެ. ސަރުކާރުން ބޭނުންވީ ޕްރައިވެޓް ހޮސްޕިޓަލަކަށް ގެންދިއުމުގެ ބަދަލުގައި ސަރުކާރުގެ ހޮސްޕިޓަލަކަށް ގެންދާށެވެ. 

އިމްރާންގެ ސިއްހީ ހާލުކޮޅު ދެރަވެ މެޑިކަލް ޓެސްޓުތަކެއް ހަދަންޖެހޭ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އަންގާރަ ދުވަހު ވަނީ ދެ ދުވަސް ތެރޭގައި އިމްރާނަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ޓެސްޓުތައް ހަދަން އަމުރުކޮށްފަ އެވެ. މި އަހަރުގެ ކުރީކޮޅު، އިމްރާން ވަނީ ހޮސްޕިޓަލަކުން ލޮލުގެ ފަރުވާ ވެސް ހޯއްދަވައިފަ އެވެ. އެ ދުވަސްވަރު އޭނާގެ އާއިލާއިން ބުނެފައިވަނީ ކަނާތްލޮލުގެ ފެނުން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ލޮލަށް ރަނގަޅަށް ނުފެންނަ ކަމަށެވެ.

ތިން ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރުގައި ބުނެފައިވަނީ، އިމްރާނަށް ހަފްތާއަކު އެއްފަހަރު އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށާއި، ހަފްތާއަކު ދެފަހަރު ފޯނުން އޭނާގެ ފިރިހެން ދަރިންނާ ވާހަކަދެއްކުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި ހާއްސަ ޑޮކްޓަރުންގެ ޓީމެއް އެކުލަވާލެވޭނެ ކަމަށާއި، އޭނާގެ އަންހެން ކޮއްކޮ އަދި މެޑިކަލް ޑޮކްޓަރެއް ކަމަށްވާ އުޒްމާ ޚާންއަށް ވެސް އެ ޓީމުގައި ބައިވެރިވެވޭނެ ކަމަށް ކޯޓުން ބުންޏެވެ.

އިމްރާން ބޮޑުވަޒީރުކަން ކުރެއްވީ 2018 އިން 2022 އަށެވެ. އޭނާގެ ސަރުކާރާއި ބާރުގަދަ އަސްކަރިއްޔާއާ ދެމެދު އުފެދުނު ސިޔާސީ ނުވަތަނަވަސްކަމުގެ ތެރޭގައި، ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާ ވަނީ މަގާމުން ދުރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރުމާ ގުޅިގެން 2023 ވަނަ އަހަރުގެ މެއި މަސް ތެރޭގައި މުޅި ގައުމުގައި ބޮޑެތި މުޒާހަރާތައް ވެސް ކުރި އެވެ. -- އޭއެފްޕީ