ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ސިއްހީ ތަހުލީލުތަކަށް އަމިއްލަ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މުރާޖައާކުރުމަށް ސަރުކާރުން ހުށަހަޅާނެ ކަމަށް، އެ ގައުމުގެ ލޯ މިނިސްޓަރު އަންގާރަ ދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ރޭޑިއޯ "ރޭޑިއޯ ޕާކިސްތާން" ގެ އެކްސްގައި  އާންމުކުރެއްވި ވީޑިއޯ ބަޔާނެއްގައި ލޯ މިނިސްޓަރު އައުޒަމް ނަޒީރު ތަރާރު ވިދާޅުވީ، އެ އަމުރު އޮތީ "ގާނޫނީ އިމުގެ ތެރެއަކު ނޫން" ކަމަށެވެ.

ސަރުކާރުން މުރާޖައާކުރުމުގެ އިލްތިމާސެއް ހުށަހަޅަން ނިންމާފައި ވާއިރު، އެ އިލްތިމާސްގައި އެދެނީ އުމުރުން 73 އަހަރުގެ އިމްރާން ޚާންގެ މެޑިކަލް ޓެސްޓުތައް، ކޯޓުން އަމުރުކުރި ފަދައިން އަމިއްލަ ހޮސްޕިޓަލެއްގައި ހެދުމުގެ ބަދަލުގައި ސަރުކާރުގެ ހޮސްޕިޓަލެއްގައި ކުރިއަށް ގެންދާށެވެ.

"ސަރުކާރުގެ ހޮސްޕިޓަލްތަކުން މިފަދަ ފަރުވާއެއް ނުދެވޭނެ ކަމަށް ނުވަތަ ފަރުވާ ނުދެވޭނެ ކަމުގެ ހެކި ނުވަތަ މައުލޫމާތު ހުށަހެޅުމުން ނޫނީ، އާންމުގޮތެއްގައި މިފަދަ އިންތިޒާމްތަކެއް ހަމަޖައްސާކަށް ނާންގާނެ،" ތަރާރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން އަންގާރަ ދުވަހު ނިންމާފައިވަނީ ކުރީގެ ކްރިކެޓް ކެޕްޓަން އިމްރާން ޚާން "ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި" އިސްލާމާމާބާދުގެ ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރުމަށެވެ. އަދި ހަފުތާއަކު އެއްފަހަރު އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތާއި، ހަފުތާއަކު ދެފަހަރު ފޯނުން އޭނާގެ ފިރިހެން ދަރިންނާ ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

މީގެ އިތުރުން، އިމްރާން ޚާންގެ އަމިއްލަ ޑޮކްޓަރު ފައިސަލް ސުލްތާން އާއި، އޭނާގެ އަންހެން ކޮއްކޮ އަދި މެޑިކަލް ޑޮކްޓަރު އުޒްމާ ޚާން "ކުށްވެރިޔާގެ މެޑިކަލް ކަންކަން ބަލައި،  ފަރުވާގެ ކަންކަމުގައި ބައިވެރިވުމުގެ ހުއްދަ ދޭންވާނެ ކަމަށް ވެސް އަމުރުގައިވެ އެވެ.

"ހޮސްޕިޓަލް ސަރަހައްދުގައި އާންމުން އެއްވުމާއި، އިމްރާން ޚާންގެ ސިއްހީ ހާލަތުގެ މައުލޫމާތު ސިޔާސީ ފައިދާއަށް ބޭނުންކުރުމާ ދެކޮޅަށް ފަނޑިޔާރުން އިންޒާރު ދެއްވި އެވެ. އަދި އެފަދަ ކަމެއް ހިނގައިފި ނަމަ މި އަމުރު ބާތިލުކުރެވިދާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ.

މި މައްސަލާގައި ދެން އޮންނަ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 16 އަށެވެ. އިމްރާން ޚާން އާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް އުފުލި ގިނަ އަދަދެއްގެ ދައުވާތަކަށް ފަހު، މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި އެ ދައުވާތަކަކީ ސިޔާސީ މަގްސަދެއްގައި ކޮށްފައިވާ ދައުވާތަކެކެވެ.

މި އަހަރުގެ ކުރީކޮޅު އިމްރާން ވަނީ ހޮސްޕިޓަލަކުން ލޮލުގެ ފަރުވާ ހޯއްދަވައިފަ އެވެ. އެ ދުވަސްވަރު އޭނާގެ އާއިލާ އާއި ވަކީލުން ބުނެފައިވަނީ ކަނާތު ލޮލުގެ ފެނުން ވަރަށް ބޮޑަށް ގޯސްފައިވާ ކަމަށެވެ.

އިމްރާން ޚާން ބޮޑުވަޒީރުކަން ކުރެއްވީ 2018 އިން 2022 އަށެވެ. އޭނާގެ ސަރުކާރާއި ބާރުގަދަ އަސްކަރިއްޔާއާ ދެމެދު އުފެދުނު ނުތަނަވަސްކަމުގައި ސިޔާސީ މަސްރަހު ގޯސްވެ، އިތުބާރު ނެތްކަމުގެ ވޯޓަކުން އޭނާ ވަނީ މަގާމުން ވަކިކުރީ އެވެ. މެއި 2023 ގައި އޭނާ ހައްޔަރުކުރުމާ ގުޅިގެން މުޅި ގައުމުގައ ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފަ އެވެ. -- އޭއެފްޕީ