ފަލަސްތީނުގެ ޣައްޒާގައި 2024 ވަނަ އަހަރު އިޒްރޭލު ސިފައިންގެ ލާއިންސާނީ ހަމަލާތަކެއްގައި ޝަހީދުކޮށްލި، 5 އަހަރުގެ ފަލަސްތީނު އަންހެން ކުއްޖެއް ކަމަށްވާ ހިންދު ރަޖަބުގެ މަރަކީ ޖަރީމާއެއް ކަމަށް އިއުތިރާފްވާ މޭރުމުން އިޒްރޭލުން ފުރަތަމަށް ފަހަރަށް އެ މައްސަލާގައި ތަހުގީގެއް ފަށައިފި އެވެ.  

ހިންދުގެ މަރާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން އަންގާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުންޏެވެ. 

 ހިންދު މަރުވުމުގެ ކުރިން އެހީއަށް އެދި ކުރި އަސަރުން ފުރިގެންވީ ފޯނު ކޯލުގެ އޯޑިއޯ އާންމުވުމާ ގުޅިގެން ބައިނަލްއަގުވާމީ ބޮޑު ނުރުހުމެއް އިޒްރޭލަށް އަމާޒުވި އެވެ. އެއީ ޖެނުއަރީ 29، 2024 ގައި ފަލަސްތީނުގެ ރެޑް ކްރެސެންޓަށް ގުޅައިގެން އެހީއަށް އެދި އާދޭސްކުރި އެތައް ގަޑިއިރެއްގެ ކޯލެކެވެ. އޭގެ ފަހުން ހިންދުގެ ޚަބަރެއް ނުވެ، އެތައް ދުވަހެއް ފަހުން ހަށިގަނޑު ފެނުނީ ޣައްޒާ ސިޓީގައި ބަޑީގެ އުންޑަތަކުން ފުރޭނިފައިވާ ކާރެއްގެ ތެރެއިންނެވެ.

"ލިބިފައިވާ ހޯދުންތަކަށް ބެލުމަށް ފަހު އަދި ފަލަސްތީނު ރެޑް ކްރެސެންޓުގެ އެމްބިއުލަންސް ދަތުރުކުރުމުގައި ކަންކަމުގައި މުއާސަލާތުކޮށް ކޯޑިނޭޓްކުރުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، މި ހާދިސާގެ ޖިނާއީ ތަހުގީގެއް މިލިޓަރީ ޕޮލިސް ކްރިމިނަލް އިންވެސްޓިގޭޝަން ޑިވިޝަން މެދުވެރިކޮށް ފެށުމަށް ވަނީ ނިންމާފައެވެ،" އިޒްރޭލު އަސްކަރިއްޔާއިން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ހިންދު ރަޖަބުގެ މަރުގެ މައްސަލައިގެ އިތުރުން، ޣައްޒާގައި ހިނގި އެހެން ހަތަރު ހާދިސާއެއްގެ ރިވިއު ހަދަން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ނިންމައިފަ އެވެ. އަދި 2025 ވަނަ އަހަރު މެޑިކަލް އޮފިޝަލުންނާއި އިންސާނީ އެހީތެރިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 15 މީހަކު ޝަހީދުކޮށްލި ހާދިސާގެ ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިންދު ރަޖަބު ރެޑް ކްރެސެންޓަށް ގުޅީ، އުތުރު ޣައްޒާއަށް އިޒްރޭލު ސިފައިން ވެރިވެގަތުމަށް ކުރިއަރަމުންދިޔަ ވަގުތު އާއިލާއާ އެކު ކާރުގައި ފިލަން އުޅެނިކޮށް ހަމަލާ އަމާޒުވުމުންނެވެ. އޭނާގެ ހަށިގަނޑު ފެނުނީ އާއިލާގެ ހަ މެންބަރުންނާއި، އޭނާ ސަލާމަތްކުރުމަށް ފޮނުވި ރެޑް ކްރެސެންޓުގެ ދެ ރެސްކިއު ވޯކަރުންގެ ހަށިގަނޑާއެކުގަ އެވެ. އެ ކުއްޖާގެ މަރާ އެކު ބައިނަލްއަގުވާމީ ބޮޑު ނުރުހުމެއް އުފެދި، މިނިވަން ތަހުގީގަކަށް ގޮވާލި އެވެ. އަދި އެހީއަށް އެދި ކުރި ފޯނު ކޯލުގެ އަސްލު އޯޑިއޯ ބޭނުންކޮށްގެން "ދަ ވޮއިސް އޮފް ހިންދު ރަޖަބު" ގެ ނަމުގައި ތައްޔާރުކުރި ފީޗާ ފިލްމު ވަނީ އޮސްކާ އެވޯޑަށް ވެސް ނޮމިނޭޓްވެފަ އެވެ.

އިޒްރޭލު އަސްކަރިއްޔާއިން ބުނީ މި ހާދިސާގެ ރިވިއުއިން ދައްކާ ގޮތުގައި، ސިފައިން ހަމަލާދީފައިވަނީ އެ ސަރަހައްދުގެ އާންމުންނަށް ކުރިން އަންގާފައިވާ އެންގުމާ ހިލާފަށް ސިފައިންނާ ދިމާއަށް އައި އުޅަނދަކަށް ކަމަށެވެ.

"މި ހަމަލާގެ ނަތީޖާއެއްގެ ގޮތުން، ކާރުގައި ތިބި ފަސް މީހަކު މަރުވި، އަދި ސަލާމަތްވީ ދެ މީހުން: އެއީ ހިންދު ރަޖަބާއި އޭނާގެ ދެބެއިންގެ ދެދަރި ކުއްޖެއް ކަމަށްވާ ލަޔާން ހަމާދާ،" އިޒްރޭލުގެ އަސްކަރިއްޔާ އިން ބުންޏެވެ.

އަސްކަރިއްޔާއިން ބުނީ، ރަޖަބާއި ހަމާދާ ރެސްކިއު އިދާރާއަށް ގުޅުމުން، ޒަހަމްވި މީހުން ސަލާމަތްކުރުމަށް ފަލަސްތީނު ރެޑް ކްރެސެންޓުގެ އެމްބިއުލަންސެއް ފޮނުވުމުގެ ކަންކަމާ މުއާސަލާތު ކުރެވުނު ކަމަށެވެ.

"ނަމަވެސް، ކުރެވޭ ތުހުމަތުތަކަށް ބަލާއިރު، ހާދިސާ ހިނގި ސަރަހައްދަށް އެމްބިއުލަންސް ދިޔަ ވަގުތު މޯޓަރު ބޮމަކުން ހަމަލާދީ ގޮއްވާލައި، އޭގައި ތިބި ދެ ޕެރަމެޑިކުން ވަނީ މަރުވެފައި،" ބަޔާނުގައިވެ އެވެ.

އިޒްރޭލު އަސްކަރިއްޔާއިން ބުނީ މުރާޖައާކުރި އަނެއް ތިން ހާދިސާގައި ޖިނާއީ ތަގުގގެއް ނުހިންގާނެ ކަމަށެވެ. އެއީ ވާލްޑް ސެންޓްރަލް ކިޗަން (ޑަބްލިޔުސީކޭ) އާއި ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) ގެ މުވައްޒަފުން މަރުވި ހާދިސާތަކެކެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ މާޗު މަހު ޣައްޒާގެ ދެކުނުގައި އެމްބިއުލަންސްތަކަށް ހަމަލާދީ، މެޑިކަލް އޮފިޝަލުން ހިމެނޭ ގޮތަށް 15 ފަލަސްތީނު ބަޔަކު ޝަހީދުކޮށްލި ހާދިސާގެ ޖިނާއީ ތަގުގީގެއް ހިންގުމަށް ވަނީ އަމުރުކޮށްފަ އެވެ.

އދގެ އިންސާނީ އެހީއާ ބެހޭ އޮފީސް (އޯސީއެޗްއޭ) އިން އެދުވަސްވަރު ބުނެފައިވަނީ، މާޗް 23، 2025 ގައި އިޒްރޭލު ސިފައިން ފަސްޓް ރެސްޕޮންޑާޒްގެ ޓީމެއް މަރާލި ކަމަށާއި، ގެއްލިފައިވާ މުވައްޒަފުން ހޯދަން އުޅުނު އެހެން އިމަޖެންސީ އަދި އެހީދޭ ޓީމުތަކަށް އެތައް ގަޑިއިރެއް ވަންދެން ހަމަލާދީފައިވާ ކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ރެޑް ކްރެސެންޓުގެ އަށް މުވައްޒަފަކާއި، ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީގެ ހަ މެންބަރަކާއި، އދ. ގެ ފަލަސްތީނު ރެފިއުޖީ އޭޖެންސީ (އުންރުވާ) ގެ މުވައްޒަފަކު ހިމެނެ އެވެ. އެ މީހުންގެ ހަށިގަނޑުތައް ފެނުނީ ޣައްޒާގެ އެންމެ ދެކުނަށް އޮންނަ ރަފާ ސިޓީ ކައިރީގައި ވަޅުލާފައި ވަނިކޮށެވެ.