ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުތަކުން ތެލާއި ގުދުރަތީ ގޭސް ހޯދައި ނެގުމަށްޓަކައި، ދުނިޔޭގެ ބޮޑެތި ހަކަތަ ކުންފުނިތަކަށް ރަސްމީކޮށް ދައުވަތު ދޭން އެ ގައުމުން ނިންމައިފި އެވެ.
"ލައިސަންސިން ރައުންޑް 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ބޮޑު މަޝްރޫއު ރަސްމީކޮށް އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) ގެ އޮޑިޓޯރިއަމްގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ ސްރީ ލަންކާގެ ޕެޓްރޯލިއަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (ޕީޑީއޭއެސްއެލް) އިސްވެ އޮވެގެންނެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ މާހިރުންނާއި ބޮޑެތި އިންވެސްޓަރުން ގައުމަށް ޝައުގުވެރިކޮށް، ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ކަމަށް ވަނީ ބުނެފަ އެވެ.
ޕެޓްރޯލިއަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް ސައިންސްވެރިންނާއި ތަޖުރިބާކާރުން ކުރި ދިރާސާތަކުން ސްރީ ލަންކާގެ ހުޅަނގު ބިތުގެ ކަނޑުގެ އަޑީގައި ގިނަ އަދަދަކަށް ގޭސް ހުރިކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. މި އާ އިންވެސްޓްމަންޓްތައް މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ ތިން ސަރަހައްދަކަށެވެ. އެއީ؛
- މަންނާރު ބޭސިން
- ކައުވެރީ ބޭސިން
- ލަންކާ ބޭސިން
މީގެތެރެއިން މަންނާރު ބޭސިންއަކީ 2011 ވަނަ އަހަރު ކުރި ދިރާސާތަކެއްގައި ވެސް ވިޔަފާރީގެ އުސޫލުން ބޭނުންކުރެވިދާނެ ފަދަ ބޮޑު ދެ ގޭސް ވަޅު ފެނިފައިވާ ތަނެކެވެ. ނަމަވެސް އެ ދުވަސްވަރު ދިމާވި މާލީ އަދި ޓެކްނިކަލް ގޮންޖެހުންތަކާ ހުރެ އެ މަސައްކަތްތައް އޮތީ ހުއްޓިފަ އެވެ.
މިހާރު ސްރީ ލަންކާ އަކީ ބޭރުން އެތެރެކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2025 ވަނަ އަހަރު އެ ގައުމުން ތެޔޮ އެތެރެކުރުމަށް 4 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރި އެވެ. އަދި 2026 ގެ ކުރީކޮޅު ވެސް މި ހަރަދުތައް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެހެންވެ، އަމިއްލަ ކަނޑުން ތެލާއި ގޭސް ނެގޭނެ މަގު ފަހިވުމުން، ބޭރު ފައިސާ ގައުމުން ބޭރުވާ މިންވަރު މަދުވެ، ލަންކާ ރުޕީސްގެ އަގު ހިފެހެއްޓުމަށް އެހީތެރިވެދޭނެ އެވެ.
މީގެ ކުރިން މިފަދަ މަޝްރޫއުތައް ހުއްޓެން ދިމާވީ ގާނޫނީ ހުރަސްތަކާއި އިންވެސްޓަރުންގެ ހުރި ކަންބޮޑުވުންތަކުގެ ސަބަބުންނެވެ. ނަމަވެސް، 2021 ވަނަ އަހަރު ފާސްކުރި "ޕެޓްރޯލިއަމް ރިސޯސަސް އެކްޓް ނަންބަރު 21" ގެ ދަށުން މިހާރު ވަނީ ގާނޫނީ އޮނިގަނޑު އިސްލާހުކޮށް ޒަމާނީކޮށްފަ އެވެ. މީގެ ސަބަބުން ބޭރުގެ ބޮޑެތި ކުންފުނިތަކަށް ރައްކާތެރިކަމާ އެކު އިންވެސްޓްކުރުމުގެ މާހައުލެއް ވަނީ ތަނަވަސްވެފަ އެވެ.