ހަކަތަ ބޭނުންކުރާ މިންވަރު 25 ޕަސެންޓް ދަށްކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، އަންގާރަ ދުވަހުން ފެށިގެން މަގުބައްތިތަކާއި، ނިއޯން ބޯޑުތަކާއި، ބިލްބޯޑުތަކުގެ ދިއްލުންތައް ނިއްވާލުމަށް ސްރީ ލަންކާގައި އަންގައިފި އެވެ.

ސަރުކާރުގެ ތަރުޖަމާނު ނަލިންދަ ޖަޔަތީސަ ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމަ ހަތަރުވަނަ ހަފުތާއަކަށް ދެމިގެންގޮސް، ތެލާއި ގޭހުގެ އަގު އުފުލެމުންދާތީ، ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އެއަކޮންޑިޝަން ބޭނުންކުރާ މިންވަރު މަދުކުރުމަށް ވެސް އަންގާފައިވާ ކަމަށެވެ.

އެމެރިކާއާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ނިޒާމަށް ވަނީ ބުރޫ އަރައިފަ އެވެ. މިކަމުގެ ތެޔޮ ލިބުން ދަތިވަމުން ދާތީ ލަންކާއިން މިހާރުވެސް ވަނީ ކުރިން ހުރި ވަރަށް ވުރެ ތެލުގެ އަގު ތިންބައިކުޅަ އެއްބަޔަށް ބޮޑުކޮށްފަ އެވެ.

ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖަޔަތީސަ ވިދާޅުވީ ހަކަތަ ބޭނުންކުރާ މިންވަރު މަދުވެގެން 25 ޕަސެންޓް ދަށްކުރަންޖެހޭ ކަމަށެވެ. ކަމާބެހޭ މާހިރުންގެ ޕެނަލަކުން ދީފައިވާ މި އިރުޝާދުތަކަށް ޕްރައިވެޓް ސެކްޓަރުން ވެސް އަމަލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުފަތުރު މަދުކޮށް އެކަމުން ވެސް ހަކަތައިގެ ޑިމާންޑް ދަށްކުރުމުގެ ގޮތުން މިދިޔަ ހަފުތާއިން ފެށިގެން ލަންކާގައި ވަނީ ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ހަމަޖައްސައި، ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމުތައް އަލުން ތައާރަފުކޮށްފަ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، އާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9:00 ގެ ފަހުން އިޝްތިހާރު ބޯޑުތަކުގެ ދިއްލުންތައް ނިއްވާލުމާއި، ހައި-ސެކިއުރިޓީ ސަރަހައްދުތައް ފިޔަވައި ހުރިހާ ހިސާބެއްގައި މަގުބައްތިތައް ނިއްވާލުން ހިމެނެ އެވެ.

އެނާޖީ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ހަކަތައަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތުތަކުގައި ކަރަންޓު ފޯރުކޮށްދެނީ ބޯޓުދެއްޔާއި ޑީސަލް ބޭނުންކޮށްގެން ކަމަށެވެ. އަދި ހަކަތަ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ދަށް ނުކޮށްފި ނަމަ، މުޅި ގައުމުން ކަރަންޓު ކަނޑަށް ޖެހުމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ވަނީ، ރޭގަނޑު ވަގުތުތަކުގައި އިލެކްޓްރިކް ކާރުތައް ޗާޖުނުކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އެ ވަގުތުތަކުގައި ކާރު ޗާޖުކުރުމުގެ ސަބަބުން ކަރަންޓުގެ ޑިމާންޑަށް 300 މެގަވޮޓަށް އިތުރުވެ، ގްރިޑް ހިފެހެއްޓުމަށްޓަކައި އިތުރަށް ބޯޓުދެއްޔާއި ޑީސަލް އަންދަން ޖެހޭ ކަމަށެވެ.

ސްރީ ލަންކާގެ ކަރަންޓުގެ ދެބައިކުޅަ އެއްބައި އުފައްދަނީ ބޯޓުދެއްޔާއި ޑީސަލުންނެވެ. ދުވާލުގަޑީގައި އިއާދަކުރަނިވި ހަކަތަ އިތުރަށް އުފެދުނު ނަމަވެސް، އެ ހަކަތަ ރައްކާކުރާނެ ބެޓެރި ސްޓޯރޭޖް ނިޒާމެއް އެ ގައުމަކު އަދި ގާއިމުކޮށްފައެއް ނުވެ އެވެ. -- އޭއެފްޕީ