ކޮލަމްބޯ، ސްރީ ލަންކާ (އޭއެފްޕީ) – އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ ތެޔޮ ޓޭންކަރުތަކުގައި މަސައްކަތްކުރާ، މަދުވެގެން 40 ފަޅުވެރިއަކު ކުއްލި ސިއްހީ ފަރުވާއަށް ސްރީ ލަންކާއަށް އެތެރެކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އޮފިޝަލުން ބުނި ގޮތުގައި، ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުން ބޭރުގައި މަޑުކޮށްގެން ތިބި ތެޔޮ ޓޭންކަރުތަކުން މި ފަޅުވެރިން އެއްގަމަށް ބޭލީ ވެރިރަށް ކޮލަމްބޯއާ 115 ކިލޯމީޓަރު (72 މޭލު) ދުރުގައިވާ ގޯލް ބަނދަރުންނެވެ.
ސްރީ ލަންކާގެ ފޮރިން މިނިސްޓްރީން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އީރާނު ފަޅުވެރިން އެއްގަމަށް ބޭލުމުގެ ކަންކަން މޮނީޓާކޮށް، އިންތިޒާމުކޮށްދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
"އަހަރެމެންވާނީ އިންސާނީ ވާޖިބު އަދާކޮށްދީފައި. މިކަމުގެ ހަރަދުތައް ބަލަހައްޓަނީ އީރާނު އެމްބަސީން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ތުޝާރާ ރޮޑްރިގޯ އޭއެފްޕީއަށް ވިދާޅުވި އެވެ.
ގޯލް ބަނދަރާ ކައިރީގައި އީރާނުގެ 11 ވަރަކަށް ތެޔޮ ޓޭންކަރު ވަނީ ތާށިވެފަ އެވެ. އެއިން އެއްވެސް އުޅަނދެއްގައި މިހާރު ބަރުކޮށްފައިވާ ތެލެއް ނެތެވެ.
މާޗް މަހުގެ ތެރޭގައި އެމެރިކާގެ ސަބްމެރިންއަކުން އީރާނުގެ އަސްކަރީ މަނަވަރެއް ކަމަށްވާ "އައިއާރްއައިއެސް ދެނާ" އަށް ހަމަލާދީ ފައްތާލުމުގެ ސަބަބުން 104 ފަޅުވެރިން މަރު ވެސް ވެފައިވެ އެވެ. އެ ހާދިސާގައި ސްރީ ލަންކާގެ ނޭވީން ވަނީ އީރާނުގެ 32 ފަޅުވެރިއަކު ސަލާމަތްކޮށްފަ އެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ތެޔޮ ޓޭންކަރުތަކާއި އާންމު އެތައް އުޅަނދެއް އެނބުރި ގައުމަށް ދެވޭގޮތް ނުވެ، ކަނޑުމަތީގައި ވަނީ ހާލުގައި ޖެހިފަ އެވެ. -- އޭއެފްޕީ