ސްރީ ލަންކާއިން ބޭނުންވެއްޖެ ނަމަ ތެޔޮ ވެސް އަދި އަސާސީ އެހެން ބާވަތްތައް ވެސް ފޯރުކޮށްދޭން އީރާނުން އޮތީ ތައްޔާރަށް ކަމަށް، ސްރީ ލަންކާއަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. އަލީރޭޒާ ދެލްޚޯޝް ވިދާޅުވެއްޖެ އެވެ. 

މީޑިއާތަކާ ވާހަކަދައްކަވަމުން ސަފީރު ދެލްޚޯޝް ވިދާޅުވީ ސްރީލަންކާ އަކީ އެކުވެރި ގައުމެއް ކަމަށާއި، އީރާނުން އަބަދުވެސް އެ ގައުމުގެ ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އީރާނަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދޭން ފެށުމުން އީރާނުން ހޯރްމޫޒް ކަނޑޯޅި އަކީ ބަންދުކުރި ނަމަވެސް ސްރީ ލަންކާ ހިމެނޭހެން އީރާނުގެ އެކުވެރި ގައުމުތަކުގެ އުޅަނދުފަހަރަށް އަދިވެސް އެ މަގުން ދަތުރުކުރެވޭނެ ކަމަސެވެ. އަދި އެފަދަ ގައުމުތަކުގެ ބޭނުންތަކަށް މަގުފަހިކޮށްދިނުމަށް އީރާން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.

ސްރީ ލަންކާއަށް ދަތި ދަނޑިވަޅުތަކުގައި އެހީވާން އީރާނުން ބޭނުންވާކަން ފާހަގަކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އޭނާ ވާހަކަ ދެއްކެވި އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ސްރީ ލަންކާ ދަތި ހާލަތަކަށް ދާކަށް. ސްރީ ލަންކާގެ ރައްޔިތުންނަކީ އީރާނުގައި ވަރަށް ބޮޑު ގަދަރަކާއި އިހުތިރާމެއް ދެވިފައިވާ ބައެއް،" ދެ ގައުމުގެ ދެމެދުގައި އޮތް ގާތްކަމާއި އިހުތިރާމް ހާމަކުރައްވަމުން ޑރ. ދެލްޚޯޝް ވިދާޅުވި އެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ، އީރާނުގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އެހީތެރިވުމަށާއި އެމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާތަނަށް އެމީހުންނަށް އެއްވެސް މައްސަލައެއް ކުރިމަތިވި ކަމުގެ ރިޕޯޓެއް ނެތް ކަމަށާއި، އެ މީހުންގެ ސަލާމަތަށް ބޭނުންވާ ހުރިހާ ފިޔަވަޅެއް އަޅާފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، "އެ މީހުން އެނބުރި ގައުމަށް ދާން ބޭނުންވާ ނަމަ، ތުރުކީ ފަދަ އަވަށްޓެރި ގައުމުތައް މެދުވެރިކޮށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވިދާނެ" ކަމަށެވެ.

ސްރީ ލަންކާއިން ވަނީ އެމެރިކާއިން ހަމަލާދީ ފައްތާލި އީރާންގެ މަނަވަރަކުން ގިނަ ބަޔަކު ސަލާމަތްކޮށްދީ އަދި އެހެން މަނަވަރެއް ލަންކާއަށް ވަނުމުގެ ހުއްދަ ދީ އޭގައި ތިބި މީހުންނަށް ވެސް އެހީތެރިވެފަ އެވެ. އަދި ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސެނަޔަކަ ވިދާޅުވެފައިވާ ގޮތުގައި އީރާން ހަނގުރާމާގައި ލަންކާއަށް އަސްކަރީ ދެ ޖެޓަކަށް ހުއްދަ ދޭން ވެސް އެ ގައުމުން މީގެ ކުރިން ދެކޮޅު ހަދާފައިވެ އެވެ.