ނޭޕާލުގައި ދާދިފަހުން ހިނގި ދީނީ ހަމަނުޖެހުމެއްގެ ތެރޭ މިސްކިތެއްގައި ހުޅުޖަހައި ކީރިތި ގުރުއާން އެންދި މައްސަލައަކަށް، އެ ގައުމުގެ ކުއްލި އަދި އާދަޔާ ހިލާފު ފެންބޮޑުވުމާ އެކު ސަމާލުކަން ލިބިއްޖެ އެވެ.
މި ދީނީ ހަމަނުޖެހުމުގެ ވާހަކައަށް މީގެ ކުރިން އޮތީ މާބޮޑު ސަމާލުކަމެއް ނުލިބި އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ މުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި އަނިޔާވެރި އަމަލުތަކަށް ފަހު ކުރިމަތިވި ފެންބޮޑުވި ހާދިސާގެ ވާހަކަ އެކުއެކީ ދައުރުކުރަމުންނެވެ.
މީގެ ގާތްގަނޑަކަށް ތިން ހަފްތާ ކުރިން، ނޭޕާލުގެ ދެކުނުގެ ސަރަހައްދުތަކެއް ކަމަށްވާ ސުންސަރީ އަދި ސިރާހާގައި ހިންދޫ ހަރުކަށި ގްރޫޕްތަކަކާއި މުސްލިމުންނާ ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ހަރުކަށި ހިންދޫންގެ ބަޔަކު ވަނީ މުސްލިމުންގެ މިސްކިތެއްގައި ހުޅުޖަހައި، ކީރިތި ގުރުއާނުގެ މުސްހަފްތަކެއް އަންދައިފަ އެވެ. މި ހަމަނުޖެހުންތަކުގައި ތިން މީހަކު މަރުވެ، އެ ސަރަހައްދުތަކުގައި ކާފިއު ވެސް ހިންގަން ޖެހުނެވެ.
ހިންދޫން މިސްކިތެއްގައި ހުޅުޖަހައި މުސްހަފުތަކެއް އެންދުމުގެ އިތުރުން މުސްލިމުންނަށް ނިސްބަތްވާ ފިހާރަަތައް ލޫޓުވައި ވެހިކަލްތަކަށް ވެސް ގެއްލުން ދީފަ އެވެ.
މި ހާދިސާގެ ކުރިން މި އަަހަރުގެ ފެބްރުއަރީ މަހު ވެސް މިސްކިތެއްގައި ނަމާދުކުރަމުން ދަނިކޮށް ހިންދޫންގެ ބަޔަކު މިސްކިތު ބޭރުގައި އަޑު ގަދަކޮށް ލަވަޖެހުމާ ގުޅިގެން ހިނގި ހަމަނުޖެހުމަކަށް ފަހު ހިންދޫން ވަނީ މަދުވެގެން ދެ މިސްކިތެއްގައި ހުޅުޖަހާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ޖެނުއަރީ މަހު ވެސް މިސްކިތަކަށް ގެއްލުންދީ ހުޅުޖަހާފައިވެ އެވެ.
މި ހާދިސާ ހިނގިތާ ތިން ހަފްތާ ފަހުން، ނޭޕާލާއި ޓިބެޓް ބޯޑަރު ސަރަހައްދުގެ އުސް ފަރުބަދަތަކުގެ މަތިން މާސިންގާ ގަނޑުފެންގަނޑެއް ކުއްލިއަކަށް ކަނޑައިގެން ގޮސް ވެއްޓި ބޮޑު ކޯރެއްގެ ފެންގަނޑު ފަރުބަދަތަކުގެ ތެރެއިން ދެމިގެން ނުދާ ގޮތަށް ބަންދުވި އެވެ. އަދި އެ ކޯރަށް ފެން ޖަމާވަމުން ގޮސް ނުހިފެހެއްޓި ފަޅައިގެންގޮސް، ތްރިޝޫލީ ކޯރުގެ ވާދީތަކަށް ބޮޑު ސުނާމީއެއް ފަދަ ކުއްލި ފެންބޮޑުވުމެއް ކުރިމަތިވީ އެވެ. އެ ހާދިސާގައި މުޅި ސަރަހައްދު ސުންނާފަތިވި އިރު އެތައް ސަތޭކަ ބަޔަކު މަރުވެ އަދިވެސް އެތައް ސަތޭކަ ބަޔަކަށް ވަނީ ވީގޮތެއް ނޭނގި ގެއްލިފަ އެވެ.
މި ހާދިސާއަށް ފަހު މުޅި ސަރަހައްދުގައި ވަނީ ބޯމިނުގައި އެތައް ފޫޓެއް ހުރި ކިސަޑާއި އޮލަ މަށީގެ ފަށަލައެއް ލެވިފަ އެވެ. ކޯރުގެ އައްސޭރީގައި ހުރި ގިނަ އަދަދެއްގެ ކޮންކްރީޓް އިމާރާތްތަކާއި ގެތައް ވަނީ އާދަޔާ ހިލާފު ބާރު މިނުގައި ފައިބައިގެން ދިޔަ ފެނުގެ ތެރެއަށް ދަމައިގެން ގޮސްފަ އެވެ. ސަލާމަތުން ހުރި އިމާރާތްތަކުގެ މެދާ ހިސާބަށް ވަނީ ކިސަޑާއި މަށި އެޅި ބަންދުވެފަ އެވެ.
މަގުތަކާއި ފާލަންތައް ވެސް އެކީ ހަލާކުވެފައި ވާއިރު ކަރަންޓާއި މުއާސަލާތީ ހިދުމަތްދޭ ވަސީލަތްތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ.