އެެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ކުދި މަތިންދާބޯޓް އުފެއްދުމުގައި އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ބޮމްބާޑިއާއިން އެމެރިކާގައި މަތިންދާބޯޓް ނުއުފައްދާ ނަމަ އެ ގައުމަށް މަތިންދާބޯޓް ވިއްކުން މަނާކުރައްވާނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ކުންފުންޏަށް އިންޒާރު ދެއްވައިފި އެވެ.

ބޮމްބާޑިއާއަކީ އެމެރިކާއާ މިހާރު އެހާ ގުޅުން ރަނގަޅު ނޫން، އަވަށްޓެރި ކެނެޑާގެ ކުންފުންޏެކެވެ. ވިޔަފާރީގައި އެމެރިކާއިން ދޭދޭ ގައުމުތަކާ އެކު ކުރާ ވިޔަފާރީގައި އެ ގައުމަށް ހަމަހަމަ ފުރުސަތު ނެތް ކަމުގެ ޝަކުވާއާ އެކު އެ ކުންފުންޏަށް އިންޒާރުދެއްވީ އެމެރިކާއަށް އެތެެރެކުރަ މުދަލުން ނަގާ ޓެރިފް ބޮޑުކުރަން ކުރިއަށް ގެންދަވާ "ޓެރިފް ހަނގުރާމަ"އިގެ ތެރެއިންނެވެ.

ސޯޝަލް މީޑިއާގައި ކުރެެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ބާޒާރަށް މަތިންދާބޯޓު ވިއްކަން ބޭނުން ނަމަ އެ ކުންފުނިން ޖެހޭނީ އެ ގައުމުގައި މަތިންދާބޯޓް އުފައްދަން ކަމަށެވެ. 

"ޔުނައިޓެޑް ސްޓޭޓްސްގައި ބޮމްބާޑިއާ ދެން އިތުރަކަށް ނުވިއްކޭނެ. އެ މީހުން އަހަރެމެންގެ މާކެޓް ބޭނުން ނަމަ އެމީހުން ޖެހޭނީ މިތާނގައި އުފައްދަން، އަދި ޕިގީބޭންކެއް ހެން އެމެރިކާއާ ދޭތެރޭ ކަންތައް ކުރުން ހުއްޓާލަން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްގައި ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ އެއާލައިންތަކުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެތައް ހާސް މަތިންދާބޯޓްތަަކަކީ ބޮމްބާޑިއާގެ އުފެއްދުންތަކެވެ. އެ ކުންފުންޏަށް އަހަރަކު ލިބޭ އާމްދަނީގެ ދެބައިކުޅައެއްބަޔަކީ އެމެރިކާގައި ކުރާ ވިޔަފާރިން ލިބޭ އާމްދަނީ އެވެ.