ޕެސިފިކް ކަނޑުގައި މިހާރު އުފެދިފައިވާ އާދަޔާ ހިލާފަށް ބާރުަގަދަ އެލްނީނޯގެ ސަބަބުން ދުނިޔެ ހޫނުވެ، އެކަމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު 450،000 އަށް އަރާނެ ކަމަށް ސައިންސްވެރިންގެ ބަޔަކު ލަފާކޮށްފި އެވެ.
އެެމެރިކާގެ ޔުނިވާސިޓީ އޮފް ޗިކާގޯގެ 'ކްލައިމެޓް އިމްޕެކްޓް ލެބް' އިން އިއްޔެ ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ވާ ގޮތުން، އެލްނީނޯގެ ސަބަބުން އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ މައްސަލަ އަންނަ އަހަރުގެ ފެބްރުއަރީއާ ހިސާބަށް އޮންނާނެ ކަމަށް ލަފާކުރެވެ އެވެ. މި މުއްދަތުގައި އެއްގަމުގެ ފިނިހޫނުމިން 1.2 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދާނެ ކަަމަށާއި ހޫނު ދުވަަސްތައް އެހެން އަހަރުތަކަށް ވުރެ 44 ޕަސެޓް އިތުރުވާނެ ކަމަށް ވެސް އެ ރިޕޯޓްގައި ލަފާކޮށްފައިވެ އެވެ.
ދިރާސާއިން ދެއްކި ގޮތުގައި އެލްނީނޯގެ ސަބަބުން ހޫނު ގަދަވުމުގެ ގެއްލުން އެންމެ ބޮޑުވާނީ ތަރައްގީގަމުން އަންނަ ގައުމުތަކާއި އެފްރިކާގެ ސާހެލް ސަރަހައްދަށެވެ.
ހޫނުގެ ގެއްލުން އެންމެ ބޮޑުވާނެ ސަރަހައްދުތަކާއި ގައުމުތައް
- ސާހެލް ސަރަހައްދު: 66،800 މީހުން މަރުވާނެ ކަމަށް ލަފާކުރެވޭ
- ނައިޖީރިއާ: 31،400 މީހުން މަރުވާނެ ކަމަށް ލަފާކުރެވޭ
- ފިލިޕީންސް، ވިއެޓްނާމް، ތައިލެންޑަ އަދި ކެމްބޯޑިއާ: 19،400 މީހުން މަރުވާނެ ކަމަށް ލަފާކުރެވޭ.
- އިންޑިއާ: 15،800 މީހުން މަރުވާނެ ކަމަށް ލަފާކުރެވޭ
- ބްރެޒިލް: 13،300 މީހުން މަރުވާނެ ކަމަށް ލަފާކުރެވޭ
ޗިގާގޯ ޔުނިވާސިޓީގެ ކްލައިމެޓް އިމްޕެކްޓް ލެބްގެ އެއް ބާނީ މައިކަލް ގްރީންސްޓޯން އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި އެލްނީނޯގެ ސަބަބުން އުފެދޭ ގަދަ ހޫނުގެ ގެއްލުން އެންމެ ބޮޑުވާނީ މިހާރުވެސް ހޫނު ގަދަ، ލިބޭ އާމްދަނީ މަދު ތަންތަނަށެވެ.
"މިހާރު ވެސް ތިބީ ހޫނު ތަނެއްގައި ކަމަށް ވަންޏާ ޑިގްރީކޮޅެއް އިތުރުވުން [އިތުރަށް ހޫނުވުން] ވާނީ މާ ނުރައްކާ ކަމަކަށް،" ގްރީންސްޓޯން ވިދާޅުވި ކަމަށް އަލްޖަޒީރާގެ ރިޕޯޓްގައި ބުންޏެވެ.
މުއްސަނދި ގައުމުތަކަށް އޭގެ ގެއްލުން ކުޑަވާނެ ކަމަށް އޭނާ ލަފާކުރައްވަނީ އެއާކޮންޑިޝަނަރުތަކާއި ރަނގަޅަށް ފެންލިބުމާއި ސިއްހީ ހިދުމަތްތައް ރަނގަޅަށް ހުރުން ފަދަ ސަަބަބުތަކާ ހެދި އެެވެ.
ގްރީންސްޓޯން ވިދާޅުވެފައިވާ ގޮތުގައި އެލްނީނޯގެ ސަބަބުން އަންނަ ހޫނުކަން އެލްނީނޯއަށް ފަހުގައި ވެސް އެތައް ދުވަހަކަށް އޮންނާނެ ކަމަށް ލަފާކުރެވެ އެވެ.
އިންޑިއާގެ ނެޝަނަލް ރިސާޗް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެންއާރްޑީސީ)ގެ ހީޓް ސެޕްޝަލިސްޓް އަބީޔާންތު ރިވާނީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ވިދާޅުވެފައިވާ ގޮތުގައި ހޫނުވުމުގެ ސަބަބުން އެ މައްސަލަތައް ކުރިމަތިވާނެކަން އެނގުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ހޫނު ގަަދަވުމުގެ ގެއްލުން ކުޑަކުރަން ކުރާ މަސައްކަތަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަމާއި ހިދުމަތްތައް މީހުންނަށް ފޯރުކޮށް ނުދެވުމެވެ.
ޕެސިފިކް ކަނޑުގައި އެލްނީނޯ މިދިޔަ ޖޫންމަހު އުފެދެން ފެށި، މިފަހަރުގެ އެލްނީނޯ އަކީ މިހާތަނަށް އުފެދޭ އެންމެ ބާެރުގަދަ އެލްނީނޯއަށް ވާނެ ކަަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އެލްނީނޯގެ ބާރު ގަދަވީ މޫސުމަށް އަންނަ ބަދަލުގެ ސަބުންނެވެ.