އެމެރިކާގެ ބީ-1 މަރުކާގެ ބޯޓުތައް ވެސް ހިމެނޭ ގޮތަށް، ބޮން އަޅާ ބޯޓުތައް އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ފެއާފޯޑް އެއާބޭސްއިން އެއްކޮށް ނެރެ ހުސްކޮށްފައިވާކަން ޕެންޓަގަން އިއްޔެ ކަށަވަރުކޮށްދީފި އެވެ.

އެ އެއާބޭސްއިން ބޯޓުތައް މި ނެރުނީ ނުރައްކާތެރި ހާދިސާއެއް ހިނގައިގެން އެ ސަރަހައްދުގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައިވަނިކޮށެވެ.

ޕެންޓަގަންގެ އޮފިޝަލަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އާރްއޭއެފް ފެއާފޯޑަށް ފޮނުވާފައިވާ އެމެރިކާގެ ބޮން އަޅާ ބޯޓުތައް، އެމެރިކާގައި ހުންނަ އެ ބޯޓުތަކުގެ މައި މަރުކަޒުތަކަށް އެނބުރި ގޮސްފައިވާ ކަން މިހާރު ކަށަވަރުކޮށްދެވިދާނެ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އޮޕަރޭޝަނަލް ސެކިއުރިޓީ ހުރި ގޮތުން އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި ސިފައިން ހަރަކާތްތެރިވާ ގޮތުގެ މައުލޫމާތު އަދި ކަށަވަރުކޮށްދެވޭކަށް ނެތެވެ.

އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ އެ ބޭސްއަށް ނުރައްކަލެއް ކުރިމަތިވިކަން އެނގުނީ އެ ނުރައްކާތެރި އަދި ޝައްކުކުރެވޭ ކަންތައްތަކެއް ކުރަމުންދިޔަ ބަޔަކު ވެހިކަލްތަކެއްގައި އުޅޭ ކަމަށް އެ ސަރަހައްދުގެ ދަނޑުވެރިޔަކު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގޮސް ބެލުމުންނެވެ. 

އީރާނަށް ހަމަލާދިނުމަށް ބޭނުންކުރި އެ އެއާބޭސް ކައިރީގައިވާ 85 ގެއަކުން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި އެވެ. މި ހާދިސާގެ ފަހަތުގައިވާ މަގުސަދާ މެދު އެކި ގޮތްގޮތަށް ޝައްކު އުފެދުނެވެ. މިއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ބައެއް ކަމަށް ވާހަކަ ދެކެވޭއިރު މިއީ އިނގިރޭސި ވިލާތުގައި ތެޔޮ އަގު ބޮޑުވެފައިވާ މި ވަގުތު ތެޔޮ ވަގަށް ނަގަން އުޅުނު ބައެއް ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ. 

އިނގިރޭސި ވިލާތުގެ ފެއާފޯޑް މިލިޓަރީ އެއާބޭސް ބޭރުގައި އަސްކަރީ ވެހިކަލެއް ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ
އިނގިރޭސި ވިލާތުގެ ފެއާފޯޑް މިލިޓަރީ އެއާބޭސް ބޭރުގައި އަސްކަރީ ވެހިކަލެއް ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ

ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި އެ ވޭންތަކުގެ ތެރެއިން. ގޮވާޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. ނަމަވެސް "ގިނަ އަދަދެއްގެ ޕެޓްރޯލް ފެނިފައިވާ" ކަމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ޕޮލިސިންގްގެ ވެރިޔާ ލޯރެންސް ޓޭލާ ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި، ލަންޑަނަށް ނިސްބަތްވާ އުމުރުން 20 އާއި 30 އާ ދެމެދުގެ އިނގިރޭސި ފަސް ފިރިހެނުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. މިއީ އެމެރިކާގެ ނުރުހުން އަމާޒުވި ކަމެކެވެ.

"އަހަރެން ނަމަ އެގޮތަކަށް ކަންތަކެއް ނުކުރާނަން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ މިކަމުގައި "ބޭރުގެ ފަރާތެއް" ބައިވެރިވާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

ލަންޑަނުގައި ހުންނަ އީރާނުގެ އެމްބަސީން ވަނީ ތެހެރާން މިކަމުގައި ބައިވެރިވާ ކަމަށް ކުރެވޭ ތުހުމަތުތައް "ކަނޑައެޅިގެން ދޮގުކޮށް"  ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

އެއާބޭސްގެ ސެކިއުރިޓީ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އީރާނާ ދެކޮޅަށް ހިންގާ "އަމިއްލަ ދިފާއީ ވަކި އޮޕަރޭޝަންތަކަކަށް" ފެއާފޯޑް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް މާޗު މަހު ދީފައިވާއިރު، އޭގެ ފަހުން އެމެރިކާގެ ބޮންއަޅާ ބޯޓުތަކާއި މަތިންދާބޯޓުތައް އެ ބޭސްއަށް ޖައްސައި، ފުރައިގެންދާ ތަން ވަނީ ފެނިފަ އެވެ. ފެއާފޯޑަކީ މި މަގުސަދުގައި އިނގިރޭސިވިލާތުގެ މައި ބިމުގައި ބޭނުންކުރާ ހަމައެކަނި އެއާބޭސް އެވެ.

މި ހާދިސާ ހިނގާފައިވަނީ އެއާބޭސް ކައިރީގައިވާ ވެލްފޯޑް އަވަށުގައި ދިރިއުޅޭ ދަނޑުވެރިއަކަށް، މަގު ބަންދުކޮށްގެން އޮތް ތިން ވޭންއަކާއި މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ސަރަހައްދުން ފިލައިގެންދާތަން ފެނިގެން ފުލުހުންނަށް ގުޅުމުންނެވެ.އެ ވޭންތަކުގެ މަތިން ނަގާފައިވާ ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެ ތަކެތީގައި ތެޔޮ ފީފާތައް ހުއްޓެވެ. އަދި އޭގެ ތެރެއިން އެއް ވޭންގައި، އެއީ ޑީސަލް ސަޕްލައިކުރާ ސައްހަ ކުންފުންޏެއްގެ ވޭންއެއްކަން ދެއްކުމުގެ ގޮތުން ނަކަލުކޮށްފައިވާ ލޯގޯއަކާއި ފޯނު ނަންބަރެއް ވެސް ޖަހާފައިވެ އެވެ. -- އޭއެފްޕީ