އެމެރިކާގެ އަސްކަރީ ބޭސްއެއްގައި 2009 ވަނަ އަހަރު ބަޑިޖަހައި 13 މީހުން މަރާލި އެމެރިކާގެ އާމީ ސައިކަޔަޓްރިސްޓް ނިދާލް ހަސަންގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރުމަށް، ބަޑިޖަހައި މެރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުއްދަ ދެއްވައިފި ކަމަށް ޕެންޓަގަންއިން ހޯމަ ދުވަހު ބުނެފި އެވެ.
ޓެކްސަސްގެ ފޯޓް ހޫޑްގައި ދިން މި ހަމަލާގައި 20 އަށްވުރެ ގިނަ މީހުން ޒަހަމް ވެސް ވެފައިވެ އެވެ.
ނިދާލްގެ މަރުގެ ހުކުމް ތަންފީޒުކުރުމަކީ 1961 ވަނަ އަހަރަށްފަހު އެމެރިކާގެ އަސްކަރިއްޔާއިން މަރުގެ ހުކުމެއް ތަންފީޒުކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ކުށްވެރިވެފައިވާ ޓެރަރިސްޓް ނިދާލް މާލިކް ހަސަންގެ މައްޗަށް އެމެރިކާގެ އާމީ ފަޔަރިން ސުކޮޑަކުން ބަޑިޖަހައިގެން މަރުގެ ހުކުމް ތަންފީޒުކުރުމަށް ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ލަފާ ދެއްވުމުން، ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް ވަނީ އެކަމަށް ހުއްދަ ދެއްވާފައި" ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒުކުރާނެ ވަގުތާއި ތަން ކަނޑައަޅުއްވާނީ އާމީ ސެކްރެޓަރީ ކަމަސް ވެސް ޕާނެލް ލިއުއްވާފައިވެ އެވެ.
ފޯޓް ހޫޑްގައި އަލްގާއިދާގެ ކިބައިން ހިތްވަރު ލިބިގެން ދިން ބަޑީގެ ހަމަލާތަކާ ގުޅިގެން ނިދާލްގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2013 ވަނަ އަހަރު އަސްކަރީ ޖޫރީއަކުންނެވެ.
އެ މަރުހަލާގައި އޭނާ އަމިއްލައަށް ދިފާއުވުމަށް އިހްތިޔާރުކުރި ނަމަވެސް، އެއްވެސް ހެކިވެރިއަކު ހާޒިރުކޮށްފައެއް ނުވެ އެވެ. އަދި ދިފާއުގައި އެއްވެސް ބަޔާނެއް ވެސް ދީފައި ނުވާއިރު ތުހުމަތުތަކަށް އިންކާރުކުރަން ވެސް މަސައްކަތެއް ނުކުރެ އެވެ. ކޯޓުން އައްޔަންކުރި ދިފާއީ ވަކީލުން ވަނީ އޭނާ މަސައްކަތް ކުރަނީ އަމިއްލައަށް މަރުގެ ހުކުމް ހޯދަން ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމެރިކާއަށް އުފަން، ފަލަސްތީނު ދަރިކޮޅުގެ މުސްލިމެއް ކަމަށްވާ ނިދާލް، 2009 ވަނަ އަހަރުގެ ނޮވެމްބަރު 5 ގައި ބަޑިޖެހީ އިރާގާއި އަފްޣާނިސްތާނުގެ ހަނގުރާމައިގެ ސަރަހައްދުތަކަށް ސިފައިން ފޮނުވުމަށް ބޭނުންކުރާ މައި މަރުކަޒެއް ކަމަށްވާ ފޯޓް ހޫޑް ބޭސްގެ މެޑިކަލް ފެސިލިޓީއެއްގަ އެވެ.
މަރުވި މީހުންގެ ތެރެއިން 12 މީހުންނާއި ޒަހަމްވި 30 މީހުންނަކީ ސިފައިންނެވެ. ނިދާލް ހުއްޓުވަން ފުލުހަކު ބަޑިން ހަމަލާ ދިނުމުން ވަނީ ވާގިނެތިފަ އެވެ.
ނިދާލް ކުށްވެރިވާ ކަމަށް ކަނޑައެޅި ކޯޓުން ބުނެފައިވާ ގޮތުގައި، އޭނާ ވަނީ އެމެރިކާގެ އަސްކަރިއްޔާއިން އިރާގާއި އަފްޣާނިސްތާނު ހިފުމާ ދެކޮޅުހަދައިފަ އެވެ. އަދި ޔަމަންގައި އެމެރިކާގެ ޑްރޯން ހަމަލާއެއްގެ ޝިކާރައަކަށްވި އަންވަރު އަލް-އައުލާކީއާ އެކު އޮންލައިންކޮށް ވާހަކައްދައްކާފައިވެ އެވެ.