ސައޫދީ އަރަބިއްޔާއަށް ދާދި ފަހުން ޔަމަނުގެ ހޫތީން ދިން ހަމަލާތަކުގެ އަސަރު ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅޭ މީހަކަށްވެސް ކޮށްފާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެ އެވެ.
ޔަމަނު ސަރުކާރަށް އެ ގައުމުގެ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދައިދިނުމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ކުރަމުންދާ ހަނގުރާމައިގެ ބަދަލުހިފުމުގެ ގޮތުން ހޫތީން ވަނީ ސައޫދީގެ ވެރިރަށް ރިޔާޒަށާއި، އެއާޕޯޓަށާއި، ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދީފަ އެވެ.
ޖޯޖީވާ ވިދާޅުވީ ސައޫދީގެ އިގްތިސާދަކީ މުޅި ސަރަހައްދަށާއި ދުނިޔެއަށް ވެސް މުހިންމު އިގްތިސާދެއް ކަމަށާއި، އެހެންވެ ސައޫދީއަށް ދެވޭ ހަމަލާތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ ކޮންމެ ތަނެއްގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް ކޮށްފާނެ ކަމަށެވެ.
ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެކަން ހަމަނުޖެހި އުޅެނިކޮށް ހޫތީންގެ މި ހަމަލާތަކުގެ ސަބަބުން ތެލުގެ އަގަށް އިތުރު ބަދަލުތަކެއް އައުން ގާތެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައި ނެރުނު ރިޕޯޓުގައިވާ ގޮތުން، މި އަހަރު ދުނިޔޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރި މިންވަރު ވަނީ 0.1 އިންސައްތަ އިތުރުކޮށް، 3.1 އިންސައްތައަށް މަތިކޮށްފަ އެވެ. އެކަމަކު ހަނގުރާމައިގެ ސަބަބުން އެ ކުރިއެރުން ދަމަހައްޓަން ވަނީ އުނދަގޫވެފަ އެވެ.
ޖޯޖީވާ ވިދާޅުވީ މިއީ އާމްދަނީ އިތުރުކޮށް، ހަރަދުތައް ހަމަޖައްސައި، ދައުލަތުގެ މާލީ މެނޭޖްމަންޓް ހަރުދަނާކުރަންވީ ވަގުތު ކަމަށެވެ.
"މިވަގުތު ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އަޅުގަނޑުމެންދޭ އެންމެ ބޮޑު އިރުޝާދަކީ ގައުމުގެ މާލީ ހާލަތުގެ ރެނދުތައް ބޮޑުވުމުގެ ކުރިން އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅާށޭ،" ޖޯޖީވާ ވިދާޅުވި އެވެ.