ނިއުޔޯކް (އޮކްޓޯބަރު 20) - ސީއެންއެންގެ އެންމެ ފާހަގަކޮށްލެވޭ އަދި ތަޖުރިބާކާރު ބައިނަލްއަގުވާމީ ނޫސްވެރިޔާ ކްރިސްޓިއާން އަމާންޕޫރް، 43 އަހަރުގެ ދިގު ހިދުމަތަކަށް ފަހު އެ ނެޓްވޯކް ދޫކޮށްލަން ނިންމައިފި އެވެ.

އުމުރުން 68 އަހަރުގެ އަމާންޕޫރް ނެރުނު ބަޔާނެއްގައި ބުނީ، ސީއެންއެންއާ ވަކިވާން ނިންމީ ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށް ފަހު ކަމަށެވެ.

އަމާންޕޫރް ސީއެންއެންއިން ވަކިވާން ނިންމިކަން އިއުލާނުކޮށްފައި މި ވަނީ، ސީއެންއެންގެ މައި ކުންފުނި ވާނާ ބްރަދާސް ޑިސްކަވަރީ، މީޑިއާ ކޯޕަރޭޝަން ޕެރަމައުންޓް ސްކައިޑާންސްއިން ރަސްމީކޮށް ހިންގުމާ ހަވާލުވިތާ ހަފުތާތަކެއް ފަހުންނެވެ. އަލަށް ގުޅުނު ކުންފުނީގެ ވެރިން ކަމަށްވާ އެލިސަން އާއިލާއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށްވުމުން، ސީއެންއެންގެ މިނިވަންކަމާމެދު ވަނީ ސުވާލުތައް އުފެދިފަ އެވެ. ނަމަވެސް އަމާންޕޫރްގެ ބަޔާނުގައި އެ ކުންފުނީގެ ޑީލާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

އެކަމަކު އޭނާ ވަނީ "ނުފޫޒުން އެއްކިބާވެ، މިނިވަންކަން މަތީ ދެމިހުރުމުގެ" މުހިންމުކަމަށް ބާރުއަޅައިފަ އެވެ.

"ސިޔާސީ ގޮތުންނާއި، މާލީ ގޮތުން އަދި ފީލްޑްގައި މަސައްކަތްކުރުމުގައި ނުރައްކާތައް ކުރިމަތިވަމުންދާ މިފަދަ ދަނޑިވަޅެއްގައި މިއީ ވަރަށް މުހިންމު ކަމެއް،" އޭނާ ބުންޏެވެ.

އިނގިރޭސިވިލާތަށް އުފަން އަމާންޕޫރް ސީއެންއެންގެ ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެންދިޔައީ 1991 ވަނަ އަހަރުގެ ގަލްފު ހަނގުރާމައިގެ ހަބަރުތައް ގެނެސްދިނުމުންނެވެ. އޭގެ ފަހުން، ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އޭނާ ވަނީ ދުނިޔޭގެ ގިނަ އަދަދެއްގެ ލީޑަރުންގެ އިންޓަވިއުތައް ނަގައި، އިރާގު، އަފްޣާނިސްތާން، ޕާކިސްތާން، ސޯމާލިއާ، ރުވާންޑާ އަދި ބޯލްކަން ސަރަހައްދު ފަދަ ނުރައްކާތެރި ހަނގުރާމަވެރި ސަރަހައްދުތަކުން ރިޕޯޓްކޮށްފަ އެވެ.

އަމާންޕޫރް ބުނި ގޮތުގައި ސީއެންއެންގައި އޭނާ ކޮންމެ ދުވަހަކު ގެނެސްދޭ ޕްރޮގްރާމް ކުރިއަށް އޮތް ޖޫން މަހާ ހަމައަށް މަހަކު އެއްފަހަރަށް މަދުކުރާނެ އެވެ. އަދި ޕީބީއެސްގައި އޭނާ ގެނެސްދޭ ޕްރޮގްރާމް ވެސް ނިންމާލާނެ އެވެ.

ސީއެންއެންގެ ޗީފް އެކްޒެކެޓިވް މާކް ތޯމްޕްސަން ވަނީ އަމާންޕޫރް 43 އަހަރު ވަންދެން ކޮށްދިން މަސައްކަތަށާއި ނޫސްވެރިކަމަށް ސާބަސް ދެއްވައި، އޭނާގެ ނިންމުމަށް އިހުތިރާމްކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. -- އޭއެފްޕީ