އިޒްރޭލުގައި ބޭއްވި ގައުމީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން އާ ސަރުކާރެއް އެކުލަވާލުމުގެ މުގޫ އަރަބި ޕާޓީތަކުގެ އަތްމައްޗަށް ހިނގައިދާނެ ކަމަށް ބެލެވުމާ އެކު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީން އަރަބި ޕާޓީތަކަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. ލިކޫޑް ޕާޓީން ބުނީ އަރަބި ޕާޓީތަކުން ވަނީ އިންތިހާބު "ވަގަށް ނަގާފައި" ކަމަށެވެ.
އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދިދާނެ ކަމުގެ ބިރުވެރިކަން އުފައްދަން އަރަބި ޕާޓީތަކުގެ ބޭނުން ހިފި ނަތަންޔާހޫ ވަނީ، ވޯޓުލުން ކުރިއަށްދިޔަ އަންގާރަ ދުވަހު ވެސް މިފަދަ ތުހުމަތުތަކެއްކޮށް، އޭނާއަށް ތާއީދުކުރާ މީހުން ގިނަ އަދަދަކަށް ވޯޓުލާން ނިކުތުމަށް ބާރުއަޅައިފަ އެވެ.
ލިކޫޑް ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި އިންތިހާބަކީ "ޓެރަރިޒަމަށާއި ޔަހޫދީ ދައުލަތް ނައްތާލުމަށް ތާއީދުކުރާ އަރަބި ޕާޓީތަކުން ވަގަށް ނަގާފައިވާ" އިންތިހާބެއް ކަމަށެވެ. އަދި ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް މަތިކުރުމަށްޓަކައި ކޮރަޕްޝަނާއި، ބިރުދެއްކުމާއި، އަނިޔާވެރިކަމާއި، ދޮގު މައުލޫމާތު ފެތުރުމުގެ އިތުރުން މަނާ ސޮފްޓްވެއާ ވެސް ބޭނުންކޮށްފައިވާ ކަމަށް އެ ޕާޓީން ތުހުމަތު ކުރެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، ފައިސާ އަޅާފައި ހުރި އެތައް ހާސް ސިޓީއުރައަކާއި، ރައާމް ޕާޓީގެ ވޯޓު ކަރުދާސްތަކެއް ފެނިފައިވާ ކަމަށާއި، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ބިރުދައްކާ އަނިޔާކޮށްފައިވާ ކަމުގެ ހެކި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުންދާ ކަމަށެވެ.
އިންތިހާބުގެ 85 ޕަސެންޓަށްވުރެ ގިނަ ވޯޓު ގުނާ ނިމުނުއިރު، ނަތަންޔާހޫގެ ކަނާތުފިޔައިގެ ބްލޮކަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 120 ގޮނޑީގެ ތެރެއިން 53 ގޮނޑި އެވެ. އޭނާގެ މައި ވާދަވެރިޔާ ގާދީ އައިސެންކޮޓްގެ ބްލޮކަށް ލިބޭނެ ކަމަށް ބެލެވެނީ 48 ގޮނޑި އެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު އެއްވެސް ބަޔަކަށް ނުލިބޭއިރު، ޖުމްލަ 19 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވޭ އަރަބި ދެ އިއްތިހާދު ކަމަށްވާ ޖޮއިންޓް ލިސްޓާއި ރައާމް ޕާޓީ ވަނީ ސަރުކާރު ކަނޑައެޅުމުގެ މުހިންމު ބާރަކަށް ވެފަ އެވެ.
ނަތަންޔާހޫ އަންގާރަ ދުވަހު ވަނީ ހާއްސަކޮށް ރައާމް ޕާޓީއަށް އިޝާރާތްކޮށް، ފައިސާ ހުރި ސިޓީއުރަތަކަކާ އެކު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެ އިންތިހާބު "ވަގަށް ނަގަން އުޅޭ" ކަމަށް ބުނެފަ އެވެ. މިއާ ގުޅިގެން ސެންޓްރަލް އިލެކްޝަންސް ކޮމިޓީގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ޑީން ލިވްނޭ ބުނީ، އެއީ އާދަޔާ ހިލާފު ހާދިސާއެއް ކަމަށާއި، ވޯޓުލާން މީހުން ދިއުމުގެ ކުރިން ވޯޓު ގަންނަން އުޅުނު ބަޔަކު ފުލުހުން އަތުލައިގަތް ކަމަށެވެ. ނަމަވެސް އެއީ ވަކި ހިސާބެއްގައި ހިނގި ވަކި ހާދިސާއެއް ކަމަށާއި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.
ފުލުހުން ވެސް ވަނީ ރައާމް ޕާޓީއަށް ވޯޓު ގަންނަން އުޅުނު ކަމުގެ ތުހުމަތުގައި ރޭގަނޑު ތިން މީހަކު ހައްޔަރުކޮށް، 24،000 އަށްވުރެ ގިނަ ޝެކޭލް (ގާތްގަނޑަކަށް 7،900 ޑޮލަރު) ހޯދާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
ރައާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ވަނީ ނަތަންޔާހޫ ހަދަނީ ދޮގެއް ކަމަށް ވިދާޅުވެ، ކަނާތުފިޔައިގެ މީހުން ރުއްސުމަށްޓަކައި އެ ޕާޓީއާ ދެކޮޅަށް ރައްޔިތުން ނެރެނީ ކަމަށް ވިދާޅުވެފަ އެވެ.
ނަތަންޔާހޫގެ މައި ވާދަވެރިޔާ އައިސެންކޮޓްގެ ޕާޓީން ބުނީ، ބޮޑުވަޒީރު މަސައްކަތްކުރަނީ އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިހާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމަށް އެކަމުގެ ބިންގާ އަޅަން ކަމަށެވެ.