ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ އެނބުރި ގައުމަށް ވަޑައިގެންފި ނަމަ، އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށާއި އެހެން ގޮތެއް އެކަމުގައި ނޯންނާނެ ކަމަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވި ޕްރޮސެކިއުޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
އަމިއްލައަށް އަރުވާލެވިގެން އިންޑިއާގައި ހުންނެވި ހަސީނާ އަންނަ ޑިސެމްބަރު މަހު އެނބުރި ބަންގްލަދޭޝަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވަމުން ގެންދަވާތީ އެކަމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ މުހައްމަދު އަމީނުލް އިސްލާމް ވިދާޅުވީ، ހުކުމް ތަންފީޒުކުރުމާ ކުރިމަތިލެއްވުން ފިޔަވައި އިތުރު އެއްވެސް ގޮތެއް ހަސީނާއަށް ނެތް ކަމަށެވެ.
އުމުރުން 79 އަހަރުގެ ހަސީނާގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފުކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށާއި އެހެންކަމުން ގާނޫނީ ގޮތުން އިތުރު ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން އިސްތިއުނާފުކުރުމަށް އޮތް މުއްދަތު ވަނީ ހަމަވެފައި. މިހާރު އިތުރު އިސްތިއުނާފެއް ހުށައެއްނޭޅޭނެ،" އަމީނުލް އިސްލާމް ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި 15 އަހަރު ވަންދެން ވެރިކަން ކުރެއްވި ހަސީނާގެ ވެރިކަން ވެއްޓުނީ 2024 ވަނަ އަހަރު ދަރިވަރުން އިސްވެ ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ. އޭނާގެ ވެރިކަމުގައި ގައުމަށް ބޮޑެތި އިގްތިސާދީ ކުރިއެރުންތަކެއް ގެނެސްދެއްވި ނަމަވެސް، ސިޔާސީ ވާދަވެރިން ޖަލަށްލުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމުގެ އިތުރުން އިންސާނީ ހައްގުތަކާ ހިލާފު ސީރިއަސް އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ.
އދ. އިން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ މުޒާހަރާތައް ރޫޅާލުމަށް ހިންގި އޮޕަރޭޝަންތަކުގައި 1،400 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފަ އެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެގަތުމާ ގުޅިގެން ހަސީނާ ފިއްލަވައިގެން ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ވަޑައިގަތީ އޮގަސްޓް 2024 ގަ އެވެ. އޭގެ ފަހުން އާންމުންގެ ތެރެއަށް ނުނިކުންނަވައި ހުންނެވި ނަމަވެސް، ބައެއް ފަހަރު ފޯނު މެދުވެރިކޮށް ނޫސްވެރިންނާ ވާހަކަދައްކަވާފައިވެ އެވެ.
އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ހަސީނާ ވިދާޅުވެފައި ވަނީ، އެނބުރި ގައުމަށް ވަޑައިގެންފި ނަމަ ދަންޖައްސައި މަރާލެވިދާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް އަދާކުރަންޖެހޭ ވާޖިބަށް ބިރުވެރިކަން ހުރަހަކަށް ވެގެން ނުވާނެ ކަމަށެވެ.
ހަސީނާ ހަވާލުކުރުމުގެ މަސައްކަތް
މުޒާހަރާތައް ރޫޅާލުމުގައި ހިންގި ގަތުލުއާންމުތަކުގެ ޒިންމާ އުފުލަންޖެހޭ ކަމަށް ބުނެ، މިދިޔަ އަހަރު ބޭއްވި ޝަރީއަތަށް ހާޒިރުވެވަޑައިގަތުމަށް ކޯޓުން އެންގުމުން ވެސް ހަސީނާ ވަނީ އެކަމަށް އިންކާރު ކުރައްވައިފަ އެވެ. ދައުލަތުން ހަމަޖައްސައިދިން ވަކީލަކާ އެކު ކުރިއަށް ގެންދިޔަ އެ ޝަރީއަތަކީ "ޖޯކެއް" ކަމަށް ހަސީނާ ސިފަކުރެއްވި އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޑާކާގެ ކޯޓަކުން ވަނީ ހަސީނާގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފަ އެވެ. އެއީ އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގުމުގެ ތިން ކުށެއް ސާބިތުވުމާ ގުޅިގެންނެވެ.
ހަސީނާ ބަންގްލަދޭޝްއާ ހަވާލުކޮށްދިނުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ އިންޑިއާގައި އެދިފަ އެވެ. އިންޑިއާއިން ބުނެފައި ވަނީ އެ ހުށަހެޅުން ގާނޫނީ ގޮތުން ދިރާސާކުރަމުން އަންނަ ކަމަށެވެ. ހަސީނާ އިންޑިއާގައި ހުންނެވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ވެސް ވަނީ ހީނަރުކަން އައިސްފަ އެވެ. މީގެ އިތުރުން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ވެސް ހަސީނާގެ މައްޗަށް އުފުލާފައިވެ އެވެ.
މި ހަފުތާގެ ތެރޭގައި ހަސީނާގެ ވަކީލުން ވަނީ އޭނާގެ ޕާސްޕޯޓް އާކޮށްދިނުމަށް އެދި ހުށަހަޅައިފަ އެވެ. ނަމަވެސް ދަތުރުކުރައްވަން އުޅުއްވާ ތަނަކާއި ވަގުތެއް ހާމަކޮށްފައެއް ނުވެ އެވެ. ޕްރޮސެކިއުޓާ ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ޕާސްޕޯޓް ދޫނުކުރުމުގެ އިހުތިޔާރު އިދާރާތަކަށް ލިބިގެންވެ އެވެ.
"އަޅުގަނޑުމެންގެ ނަސޭހަތަކީ ޝައިހް ހަސީނާ ހަގީގަތުގައި ވެސް ބަންގްލަދޭޝަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ނަމަ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ސިޓީއަކުން ހުށަހަޅުއްވައިގެން، ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ވަޑައިގަތުމަށް،" އަމީނުލް އިސްލާމް ވިދާޅުވި އެވެ.
ހަސީނާ އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވުމަކީ މިހާރުގެ ބޮޑުވަޒީރު ތާރިގު ރަހުމާންގެ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު ސިޔާސީ ގޮންޖެހުމެކެވެ. ގިނަ ބަޔަކު އޭނާ ދަންޖައްސަން ބޭނުންވާއިރު، އޭނާ އެނބުރި ވަޑައިގެންފި ނަމަ ސަޕޯޓަރުން ނުކުމެ ގައުމުގައި އަލުން ހަމަނުޖެހުން ހިންގަފާނެ ކަމުގެ ބިރު ވެސް އެބައޮތެވެ.
މި މަހުގެ ތެރޭގައި ޕެޓްރޯލް ބޮން އުކައިގެން ދިން ހަމަލާތަކަކާ ގުޅިގެން 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވާއިރު އެ މީހުންނަކީ ހަސީނާގެ މަނާކޮށްފައިވާ އަވާމީ ލީގު ޕާޓީއަށް ނިސްބަތްވާ ބައެއް ކަމަށް ޑާކާ ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ. -- އޭއެފްޕީ