މުއާސަލާތީ ނިޒާމަށް ދިމާވި ބޮޑު މައްސަލައަކާ ގުޅިގެން، އެމެރިކާގެ ހުރިހާ އެއާޕޯޓްތަކެއްގައި، ހުކުރު ދުވަހު ފްލައިޓްތައް ހުއްޓުމަކަށް ގެންނަން ޖެހި އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ހާސްކަމެއް ކުރިމަތިވެއްޖެ އެވެ.
ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މުޅި ގައުމުގެ ވައިގެ ދަތުރުތައް ހުއްޓުވުމަށް ނެރުނު މި އަމުރާ ގުޅިގެން އެތައް ހާސް ފަސިންޖަރުންނެއް ވަނީ އެއާޕޯޓްތަކުގައި ތާށިވެފަ އެވެ. ބައެއް ފްލައިޓްތައް ފުރަން ތައްޔާރުވެފައި ވަނިކޮށް، ވާނުވާ ނޭނގޭ ހާލަތެއްގައި އެއާލައިންތަކުގެ މުވައްޒަފުން ވަނީ ފަސިންޖަރުން ބޯޓުން ބާލައިފަ އެވެ.
މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު، އެމެރިކާގެ ވައިގެ ސަރަހައްދުގައި މިފަދަ އިންޒާރެއް ދީ، މުޅި ގައުމުގެ ފްލައިޓްތައް ހުއްޓުވި ދެވަނަ ފަހަރެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕައިލެޓުންނަށް މައުލޫމާތު ދޭ ނިޒާމަކަށް މައްސަލަ ޖެހިގެން ކުޑަ ވަގުތުކޮޅަކަށް ދަތުރުތައް ހުއްޓުވި އެވެ.
އެފްއޭއޭ އިން ބުނީ އެއާ ރޫޓް ޓްރެފިކް ކޮންޓްރޯލް ސެންޓަރުތަކަށް ދިމާވި މުއާސަލާތީ މައްސަލައަކާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ އެއާޕޯޓްތަކެއްގެ އުދުހުންތައް ހުއްޓުވާފައިވާ ކަމަށާއި ޓެކްނީޝަނުން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ މާކްވޭން މުލިން ވިދާޅުވީ މިއީ އެމެރިކާއަށް އަމާޒުވި ނުރައްކަލެއް ނުވަތަ "ނުބައި ނިޔަތެއްގައި ދިން ހަމަލާއެއް" ކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެންނަން ނެތް ކަމަށެވެ.
"މިއީ އިތުރު 9/11 އެއް ނޫން. މިހާތަނަށް ބެލި ބެލުމުން މިއީ ހަމަލާއެއް ކަމަކަށް ނުބެލެވޭ، މިއީ ހަމައެކަނި ޓެލެކޮމިއުނިކޭޝަން ނިޒާމަށް ދިމާވި މައްސަލައެއް. ނަމަވެސް އެއްވެސް ކަމެއް އަދި މުޅިން ވަކި ގޮތަކަށް ނުނިންމަން،" މުލިން ވިދާޅުވި އެވެ.
މި ހާދިސާ ދިމާވެފައި މިވަނީ، އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމު ޒަމާނީކޮށް ތަރައްގީކުރުމަށްޓަކައި 30 ބިލިއަން ޑޮލަރުގެ ބަޖެޓެއް ދިނުމަށް ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ކޮންގްރެސްގައި ރަސްމީކޮށް އެދިވަޑައިގެންނެވިތާ އެއް ދުވަސް ފަހުންނެވެ. އަދި މިއީ މައިކްރޮސޮފްޓްގެ ހިދުމަތްތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ބުރުލެއް އަރައި، އެ ކުންފުނިން މާފަށް އެދުނު ދުވަހު ހިނގި ކަމެކެވެ.
ނިއު ޔޯކްގެ ލަގާޑިއާ އެއާޕޯޓާއި ލަސް ވެގަސްގެ ހެރީ ރީޑް އިންޓަނޭޝަނަލް އެއާޕޯޓް ފަދަ ބޮޑެތި އެއާޕޯޓްތަކުގައި ފަސިންޖަރުން ތިބީ ވާނުވާ ނޭނގި ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ. ބައެއް އެއާލައިންތަކުގެ މުވައްޒަފުން ދަތުރުތައް ލަސްވަނީ ވައިގަދަވެގެން ކަމަށް ބުނިއިރު، އަނެއް ބަޔަކު ބުނީ ދަތުރުތައް 8 ގަޑިއިރާއި 24 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް ހުއްޓިދާނެ ކަމަށެވެ.