އީރާނުގެ އެއާލައިންތަކުގެ އިންޓަނޭޝަނަލް ދަތުރުތައް މާދަމާއިން ފެށިގެން ހުއްޓުމަކަށް އަންނާނެ ކަމަށާއި މިއީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެ އެވެ.
މި މަހުގެ 23 ވަނަދުވަހު "ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވާ އީރާނުގެ ހުރިހާ އެއާލައިންތަކެއް ހުއްޓުމަކަށް އަންނާނެ" ކަމަށް ބެސެންޓް ވިދާޅުވީ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"އެއާލައިންތައް ޖެއްސި ނަމަވެސް، އެއަށް ތެލެއް ނުދެވޭނެ، ލޭންޑިން ހިދުމަތްތަކެއް ނުދެވޭނެ، ޓިކެޓެއް ނުވިއްކޭނެ. އެ ކަންކަން ކޮށްދީފި ނަމަ ޑޮލަރުގެ ނިޒާމުން ބޭރުކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.
މިއީ މީގެ ކުރިން އީރާނުގެ އޭވިއޭޝަން ސިނާއަތަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބެސެންޓް އީރާނަށް ދެއްވި އިންޒާރާއި، މާލީ ގޮތުން އިނދަޖައްސާލާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅެކެވެ.
އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓްގެ މި އެންގުމާ ގުޅިގެން އީރާނުގެ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލާނެ ކަމަށް އިރާގުގެ ދެ މަސްދަރަކުން ހޯމަ ދުވަހު އޭއެފްޕީއަށް ކަށަވަރުކޮށްދިނެވެ. ހޯމަ ދުވަހު ޖޯޖިއާއިން ވެސް ވަނީ އީރާނުގެ ބޯޓުފަހަރު އެ ގައުމުގެ އެއާޕޯޓްތައް ބޭނުންކުރުން މަނާކޮށްފަ އެވެ. މީގެ އިތުރުން ތުރުކީ ސަރުކާރުގެ އެދުމުގެ މަތިން ތުރުކީއަށް ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށް އީރާނުގެ މަހާން އެއާލައިނުން ވަނީ ބުނެފަ އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގައި އީރާންގެ އެންމެ އިސް ވެރިޔާ އާއި އިސް އަސްކަރީ އޮފިޝަލުން އަވަހާރަކޮށްލުމާ ގުޅިގެން، އެމެރިކާ އާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައިގެ ކޮޅެއް މެދެއް އަދިވެސް ނުފެނެ އެވެ.
މެދުއިރުމަތީގައި މި ހަނގުރާމަ ފެތުރިގެންދިޔުމާ އެކު، ހަކަތަ ޓްރާންސިޓްކުރުމަށް އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރުމުޒް ކަނޑުއޮޅި ބަންދުކޮށް އީރާނުން ވަނީ ރައްދު ދީފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު ވަނީ އުފުލިފަ އެވެ.