އެމެރިކާއިން އީރާނުގެ ވައިގެ ދަތުރުފަތުރާ ބެހޭ ދާއިރާއަށް އަމާޒުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމާ ގުޅިގެން، އީރާނުގެ ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުތަކަށް ބޮޑެތި ބުރޫއެރުންތަކެއް އަރައި، ގިނަ އަދަދެއްގެ ފްލައިޓްތަކެއް ކެންސަލްވާން ފަށައިފި އެވެ.
އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިންޒާރު ދެއްވާފައިވާ ގޮތުގައި، އީރާނުގެ އެއާލައިންތަކަށް ތެޔޮ އެޅުމާއި ޓިކެޓިންގެ ހިދުމަތް ދޭ ބޭރުގެ އެއާޕޯޓްތަކާއި ކުންފުނިތަކަށް އެމެރިކާގެ ޑޮލަރުގެ ނިޒާމު ބޭނުންކުރުން މަނާކުރާނެ އެވެ. މި ފިޔަވަޅާ އެކު ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން ދަނީ އީރާނަށް ކުރާ ދަތުރުތައް ހުއްޓާލަމުންނެވެ.
މައިގަނޑު ގޮތެއްގައި ކެންސަލްވެފައިވާ ރޫޓުތައް:
- ބަޣުދާދާއި މަސްކަޓް ފްލައިޓްތައް: އީރާނުގެ ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ތެހެރާނުން އިރާގުގެ ބަޣުދާދަށާއި އުމާންގެ މަސްކަޓަށް ކުރަން ހަމަޖެހިފައި ފްލައިޓްތައް ވަނީ ކެންސަލްކޮށްފައި.
- ތުރުކީގެ އެއާލައިންތަކުން ދަތުރުތައް ހުއްޓާލުން: ޓާކިޝް އެއާލައިންސް އަދި އޭގެ ދަށުން ހިންގާ އޭޖެޓް އާއި ޕެގަސަސް އެއާލައިންސްއިން އީރާނުގެ ހުރިހާ ދަތުރުތަކެއް ބުކިން ސިސްޓަމްތަކުން އުނިކޮށް، 2027 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ދަތުރުތައް ވަނީ ސަސްޕެންޑްކޮށްފައި.
- ގައުމުތަކުން ފިޔަވަޅު އެޅުން: އަޒަރުބައިޖާނުން އީރާނުގެ އެއާލައިންތަކަށް އެ ގައުމުގެ އެއާޕޯޓްތައް ބޭނުންކުރުން މަނާކޮށްފައިވާއިރު، ޖޯޖިއާއިން ވެސް ވަނީ އީރާނަށް ކުރާ ހުރިހާ ފްލައިޓްތަކެއް ހުއްޓުވާފައި.
- ގަތަރު އެއާވޭސް: މެދުއިރުމަތީގެ ވައިގެ ސަރަހައްދަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ގަތަރު އެއާވޭސްއިން ވެސް ވަނީ އީރާނުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައި.
އީރާނުގެ ސިވިލް އޭވިއޭޝަނުން ބުނާ ގޮތުގައި އީރާނުގެ އެއާލައިންތަކުން އިސްތަންބޫލަށް ކުރާ ބައެއް ދަތުރުތައް އަދި ކުރިއަށްދެ އެވެ. ނަމަވެސް ބޭރުގެ އެއާޕޯޓްތަކުން ކުއްލި ގޮތަކަށް ހިދުމަތްތައް ހުއްޓާލަމުންދާތީ، އީރާނަށް ދަތުރުކުރާ ފަރާތްތަކުން ފުރަންވުމުގެ ކުރިން އެއާލައިންތަކުން މައުލޫމާތު ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި މަހުގެ 23 ވަނަދުވަހު "ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވާ އީރާނުގެ ހުރިހާ އެއާލައިންތަކެއް ހުއްޓުމަކަށް އަންނާނެ" ކަމަށް ބެސެންޓް ވިދާޅުވީ ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"އެއާލައިންތައް ޖެއްސި ނަމަވެސް، އެއަށް ތެލެއް ނުދެވޭނެ، ލޭންޑިން ހިދުމަތްތަކެއް ނުދެވޭނެ، ޓިކެޓެއް ނުވިއްކޭނެ. އެ ކަންކަން ކޮށްދީފި ނަމަ ޑޮލަރުގެ ނިޒާމުން ބޭރުކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.
މިއީ މީގެ ކުރިން އީރާނުގެ އޭވިއޭޝަން ސިނާއަތަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި، ބެސެންޓް އީރާނަށް ދެއްވި އިންޒާރާއި، މާލީ ގޮތުން އިނދަޖައްސާލާނެ ކަމަށް ވެވަޑައިގެންނެވި ވައުދާ ގުޅިގެން އަޅުއްވާފައިވާ ފިޔަވަޅެކެވެ.