މިޔަންމާގެ ބައިމަދު ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް އެ ގައުމުން ނަސްލު ނައްތާލުމުގެ އަމަލުތައް (ޖެނޮސައިޑް) ހިންގާފައިވާ ކަމަށް އދ. ގެ އެންމެ މަތީ ކޯޓުން ކުރި ހުކުމް އިނގިރޭސިވިލާތާއި އިތުރު 13 ގައުމަކުން ހޯމަ ދުވަހު ބަލައިގެންފި އެވެ. އަދި މި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުން ވަނީ މިޔަންމާއާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ވެސް އިއުލާންކޮށްފަ އެވެ.

އޮސްޓްރޭލިއާ، ބެލްޖިއަމް، ކެނެޑާ، ސައިޕްރަސް، ޗެކް ރިޕަބްލިކް، އެސްޓޯނިއާ، އައިސްލޭންޑް، ލެޓްވިއާ، ލަގްޒެމްބާގް، ނިއުޒީލޭންޑް، ޕޯޗުގަލް، ސްޕެއިން، ގެމްބިއާ އަދި އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި ވިދާޅުވީ، ނަސްލު ނައްތާލުން މަނާކުރާ މުއާހަދާގެ ދަށުން މިޔަންމާއިން އުފުލަންޖެހޭ ޒިންމާތަކާ އެ ގައުމުން ހިލާފުވެފައިވާ ކަމަށެވެ.

"ކޯޓުގެ މި ހުކުމަކީ މިޔަންމާގެ މައްޗަށް ތަންފީޒުކުރުން ލާޒިމު ހުކުމެއްކަން އަޅުގަނޑުމެން ފާހަގަކުރަން. އަދި ކޯޓުގެ ނިންމުމާ އެއްގޮތަށް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އުފުލަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މިޔަންމާއަށް ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުން ވަނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހިންގާފައިވަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް އެ ގައުމުން ރަސްމީކޮށް ބަލައިގެންފައިވާ ކަން ހާމަކޮށް، މިޔަންމާ އަސްކަރިއްޔާގެ އިސް ފަސް މީހަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

"ރޮހިންޖާ ދަރިކޮޅުގެ މީހުންނަށް ދީފައިވާ ލާއިންސާނީ އަނިޔާތަކާއި ކުރިމަތިކުރުވި ފިއްތުންތަކަށް ޖަވާބުދާރީ ނުވެ ދޫކޮށްލައިގެން ނުވާނެ،" އިނގިރޭސި ފޮރިން ސެކްރެޓަރީ އެޑް މިލިބަންޑް ވިދާޅުވި އެވެ.

އިނގިރޭސި ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެ ފަސް މީހުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެ މީހުންގެ މުދާތައް ހިފެހެއްޓުމާއި ދަތުރުފަތުރުކުރުން މަނާކުރުން ހިމެނެ އެވެ. އަދި މިޔަންމާއަށް އޭވިއޭޝަން ފިއުލް (މަތިންދާބޯޓަށް އަޅާ ތެޔޮ) އެކްސްޕޯޓް ކުރުމާއި ފޯރުކޮށްދިނުން ހުއްޓުވުމަށް ހާއްސަ ގާނޫނެއް ތައާރަފުކުރަން އިނގިރޭސިވިލާތުން ގަސްދުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިންސާނީ އެހީއަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަކީން ސްޓޭޓްގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މީހުންނާއި އެހެނިހެން މުޖުތަމައުތަކުގެ ގާތްގަނޑަކަށް 350،000 މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުން އިތުރު ފަސް މިލިއަން ޕައުންޑްގެ އެހީ ދޭނެ ކަމަށެވެ. އަދި މިޔަންމާގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކުގެ ޝިކާރައަކަށްވި މީހުންނަށް އިންސާފު ހޯދައިދިނުމަށާއި ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާކުރުމަށް އިތުރު ތިން މިލިއަން ޕައުންޑް ހަރަދުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވި ތާރީހީ ހުކުމުގައި ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރު ހުޅަނގު ރަކީން ސްޓޭޓްގައި މިޔަންމާ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަންތަކަކީ ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާއެއް ކަމަށެވެ. މިއީ އައިސީޖޭގެ 80 އަހަރުވީ ތާރީހުގައި، ނަސްލު ނައްތާލުމުގެ ޖަރީމާ ދައުލަތަކުން  ހިންގި ކަނޑައެޅި ފުރަތަމަ ފަހަރެވެ.

މިޔަންމާ ސަރުކާރުން ވަނީ އެ ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށް ބުނެ، އެކަމާ މެދު "ބޮޑު މާޔޫސްކަމެއް" ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ހުކުމް އިއްވިތާ މާގިނައިރުތަކެއް ނުވަނީސް އިނގިރޭސިވިލާތުން ވަނީ އެ ގައުމުގައި ހުންނަވާ މިޔަންމާގެ ޑިފެންސް އެޓާޗޭ ގައުމުން ބޭރުކޮށްލާނެ ކަން އިއުލާންކޮށްފަ އެވެ. -- އޭއެފްޕީ