ޕިއޮންޔޮން (އެޕްރީލް 27) - އެމެރިކާ އިން ކިތަންމެ ބިރެއް ދެއްކިއަސް ނިއުކްލިއާ ޓެސްޓް ކުރުން ހުއްޓުވޭނެ ގޮތެއް ނޯންނާނެ ކަމަށް ނޯތު ކޮރެއާގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނޯތު ކޮރެއާގެ އޮފިޝަލުން އާއްމުކޮށް އިންޓަވިއު ނުދިން ނަމަވެސް ސަރުކާރުގެ އޮފިޝަލަކު ސީއެންއެންއާ ވާހަކަ ދައްކަމުން ވިދާޅުވީ ހަ ވަނަ ނިއުކްލިއާ ޓެސްޓް ކުރާނެ ވަގުތެއް އަދި ނޭނގޭ ކަމަށެވެ. އަދި ބޭރުގެ އެއްވެސް ގައުމަކަށް އެ ޓެސްޓް ކުރުން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނޯތު ކޮރެއާ އިން މިހާތަނަށް ވަނީ ނިއުކްލިއާ ފަސް ޓެސްޓްކޮށްފަ އެވެ.

ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ސިފައިންނަށް ސެލިއުޓް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ
ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ސިފައިންނަށް ސެލިއުޓް ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ނިއުކްލިއާ ޓެސްޓް ކުރުމަކީ ނޯތު ކޮރެއާގެ ނިއުކްލިއާ ބާރު ގަދަކުރުމަށް ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ. "އެމެރިކާ އިން އުދުވާނެއް ހިންގަން އުޅުނު ނަމަވެސް ނިއުކްލިއާ ޓެސްޓް ކުރުން ނުހުއްޓުވޭނެ."

ސީއެންއެންއާ ވާހަކަ ދެއްކި ނޯތު ކޮރެއާގެ ސޮކް ޗޮލް ވޮންގެ ރަސްމީ މަގާމަކީ އެކަޑަމީ އޮފް ސޯޝަލް ސައެންސް އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސްގެ ޑިރެކްޓަރެވެ. ނޯތު ކޮރެއާގެ ހުރިހާ މައްސަލަތަކަކާ ގުޅޭ ގޮތުން ސީއެންއެންއާ ވާހަކަ ދެއްކުމުގެ ހުއްދަ އޭނާ އަށް އޮވެ އެވެ.

ނޯތު ކޮރެއާގެ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އަސްލު ވަޒަން ބޭނުންކޮށްގެން ތަމްރީނުތަކެއް ބާއްވަނީ. --ފޮޓޯ:ސީއެންއެން
ނޯތު ކޮރެއާގެ ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އަސްލު ވަޒަން ބޭނުންކޮށްގެން ތަމްރީނުތަކެއް ބާއްވަނީ. --ފޮޓޯ:ސީއެންއެން

ސޮކް ވިދާޅުވީ ނޯތު ކޮރެއާ ސިފައިންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި އަސްކަރީ ތަމްރީނުތަކަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދިން އިންޒާރެއް ކަމަށެވެ.

ނޯތު ކޮރެއާ އިން މި ދަނޑިވަޅު އިތުރު ނިއުކްލިއާ ޓެސްޓެއް ކޮށްފި ނަމަ މަޝްރަހު ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އެމެރިކާ އިން މިހާރު ގެންދަނީ އަސްކަރީ މަނަވަރުތަކާއި ސަބްމެރިން ކޮރެެއާ ސަރަހައްދަށް ޖަމާކުރަމުންނެވެ. އަދި މިސައިލުން ދިފާއު ވެވޭނެ ނިޒާމު ވަނީ ސައުތު ކޮރެއާގައި ހަރުކުރުމުގެ މަސައްކަތް އެމެރިކާ އިން ފަށައިފަ އެވެ.