ވޮޝިންޓަން (ފެބްރުއަރީ 24) - ނޯތު ކޮރެއާއާ ދެކޮޅަށް "މިހާތަނަށް އަޅާފައި ނުވާވަރުގެ" ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.

އެމެރިކާގެ އެންމެ ފަހުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ނޯތު ކޮރެއާގެ ޝިޕިން އިންޑަސްޓްރީއަށެވެ. އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ބުނެފައި ވަނީ މި ފިޔަވަޅުތަކުގެ ސަބަބުން ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އަށް އިތުރަށް ޕްރެޝަރު ބޮޑުވާނެ ކަމަށެވެ.

"އެމެރިކާގެ އެންމެ ފަހުގެ ފިޔަވަޅުތަކުގެ ސަބަބުން ނޯތު ކޮރެއާގެ މެރިޓައިމް ހަރަކާތްތަކަށް ހުރަސް އެޅި ކޯލް އާއި ފިއުލް އެ ގައުމަށް އެތެރެ ކުރުމުގައި ވަރަށް ބޮޑަށް ދަތިވާނެ. އަދި ނޯތު ކޮރެއާގެ މުދާ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އުފުލުމުގެ ގާބިލްކަމަށް ނިމުން ގެނެވޭނެ،" އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ވިދާޅުވި އެވެ.

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ނޯތު ކޮރެއާގެ 50 ބޯޓަކާއި ކުންފުންޏަކާ ގުޅިގެން އެމެރިކާގެ އެއްވެސް ފަރާތަކުން ވިޔަފާރި ކުރުން ވަނީ މަނާކޮށްފަ އެވެ. އަދި އެމެރިކާގައިވާ އެ 50 ކުންފުނީގެ އެސެޓްތައް ވަނީ ހިފަހައްޓައިފަ އެވެ.

ވޮޝިންޓަނުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިއީ ގައުމަކާ ދެކޮޅަށް އެމެރިކާ އިން މިހާތަނަށް އެޅި އެންމެ ވަރުގަދަ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ކަމަށެވެ. އަދި މި ފިޔަވަޅުތަކުން އެމެރިކާ ބޭނުންވާ ނަތީޖާ ނުނެރެވިއްޖެ ނަމަ މީގެ ދެ ވަނަ ފިޔަވަހި ވެސް އެބައޮތް ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ޑިސެމްބަރު މަހު ވަނީ ނޯތު ކޮރެއާ އިން ޕެޓްރޯލިއަމް އެކްސްޕޯޓްކުރުން މަނާކޮށް އެ ގައުމުގެ މީހުންނަށް އެހެން ގައުމުތަކުން ވަޒީފާ ދިނުން މަނާކުރުމަށް ގަރާރެއް ފާސްކޮށްފަ އެވެ. ނޯތު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދަނީ އެ ގައުމުން ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުން ގެންދާތީ އެވެ.