ޕިއޮންޔޮން (އޮގަސްޓް 7) - އެމެރިކާ އިން އިސް ނަގައިގެން ނޯތު ކޮރެއާއާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތީ އެކަމުގެ ބަދަލު އެ ގައުމުގެ ކިބައިން ހިފާނެ ކަމުގެ އިންޒާރު ނޯތު ކޮރެއާ އިން ދީފި އެވެ.

ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ބުނީ އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ގައުމެއްގެ މިނިވަން ކަމަށް އަރައިގަތުން ކަމަށެވެ. މިއީ ނޯތު ކޮރެއާ އިން 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެން އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ސަލާމަތީ މަޖިލީހުން ފާސްކުރި ހަތް ވަނަ ގަރާރެވެ.

ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ ނޯތު ކޮރެއާގެ އެކްސްޕޯޓަށެވެ. މި ގޮތުން ނޯތު ކޮރެއާ އިން ބޭރުކުރާ ތަކެތީގެ ތެރޭން އެއް ބިލިއަން ޑޮލަރުގެ އެކްސްޕޯޓް ހުއްޓުވާނެ އެވެ. އޭގެ ތެރޭގައި ބޯޓު ދެއްޔާއި ދަގަނޑު އަދި ސީފުޑް ހިމެނެ އެވެ. ނޯތު ކޮރެއާ އިން މިދިޔަ އަހަރު އެކްސްޕޯޓްކޮށްފައި ވަނީ ތިން ބިލިއަން ޑޮލަރުގެ މުދަލެވެ. މި ފިޔަވަޅުތައް އެޅީ ނޯތު ކޮރެއާ އިން ފުލުފުލާ ދެ ބެލިސްޓިކް މިސައިލް މިދިޔަ މަހު ޓެސްޓް ކުރުމާ ގުޅިގެންނެވެ.

ނޯތު ކޮރެއާ އިން ބުނީ އެމެރިކާ އިން ދައްކާ ބިރަކަށް ޖެހިލުންވެ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް މަޝްވަރާގެ މޭޒު މައްޗަށް ނުގެންދާނެ ކަމަށެވެ. އަދި އެމެރިކާ އިން ދައްްކާ ބިރުތަކުގެ އަގު އެ ގައުމުން އަދާކުރަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ދިން ފުރަތަމަ ރައްދުގައި ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.