މެންޗެސްޓާ (މެއި 23) - މެންޗެސްޓާ އެރީނާގައި ބޮމުގެ ހަމަލާ ދީ 22 މީހުން މަރުވި ހާދިސާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.

އައިއެސްގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް އެ ޖަމާއަތުން އާއްމުކުރި ބަޔާނެއްގައި ބުނީ ކޮންސެޓަށް އެއްވެ ތިބި މީހުންގެ މެދުގައި ބޮން ބޭއްވީ އައިއެސްގެ ސިފައިންގެ މީހެއް ކަމަށެވެ. އަދި މިފަދަ އިތުރު ހަމަލާތައް ދޭނެ ކަމަށް ވަނީ އިންޒާރު ދީފަ އެވެ. އައިއެސްގެ އައުމާގު ނިއުސް އެޖެންސީން ވެސް ވަނީ މެންޗެސްޓާގައި ބޮމުގެ ހަމަލާ ދިނީ އެ ޖަމާއަތުގެ "ސެކިއުރިޓީ ސްކޮޑުން" ކަމަށް ބުނެފަ އެވެ.

މެންޗެސްޓާ އެރީނާގައި ބޮން ގޮއްވާލާފައި ވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އަރިއާނާ ގްރޭންޑެގެ ކޮންސެޓަށް ފަހު އެވެ. އޭރު އޭނާ ވަނީ ސްޓޭޖް ދޫކޮށް ގޮހެވެ. މެންޗެސްޓާ އެރީނާ އަކީ އެ ސިޓީގެ އެންމެ ބޮޑު އިންޑޯ ވެނިއު އެވެ. އެތަނުގެ ޖާގައަކީ 18،000 އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޖާނުންފިދާވުމުގެ ހަމަލާ ދޭ މީހެކެވެ. ބޮޑު ވަޒީރު ތެރޭސާ މެއި ވިދާޅުވެފައި ވަނީ ބޮމުގެ ހަމަލާ ދިން މީހާ ފުލުހުންނަށް ދެނެގަނެފައިވާ ކަމަށެވެ. ހަމަލާ ދިނީ އޭނާ އަމިއްލަ އަށް ކަމަށް ބެލެވޭ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. ނަމަވެސް ހަމަލާއާ ގުޅިގެން މެންޗެސްޓާ ފުލުހުން ވަނީ ތަހުގީގަށް 23 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

މިއީ 2005 ވަނަ އަހަރު ލަންޑަން ޓްރާންސްޕޯޓް ނެޓްވޯކަށް ދިން ހަމަލާ އަށް ފަހު ދިން އެންމެ ނުރައްކާ ހަމަލާ އެވެ. އެ ފަހަރު ދިން ހަމަލާގައި ވަނީ 52 މީހުން މަރުވެފަ އެވެ.