ޖަރުމަނުގެ ނަރުސް އިތުރު މީހުން މަރާފައިވާނެ ކަމަށް ތުހުމަތުކޮށްފި

ބާލިން (ޖޫން 23) - ގަސްދުގައި ދެ މީހަކު މެރިކަމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޖަރުމަނުގެ ނަރުސް އިތުރު މީހުން މަރާފައިވާނެ ކަމަށް ތުހުމަތުކޮށްފި އެވެ.


ތަހްގީގުކުރާ ފަރާތްތަކުން ބުނީ އުމުރުން 39 އަހަރުގެ ނަރުސް މީހުން މަރާފައި ވަނީ ހިތުގެ ބޭހެއް ދީގެން ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ވަނީ، ނިއެލްސް އެޗް. ފަރުވާ ދިން 99 މީހުންގެ ހަށިގަނޑު ކޮނެގެން ނަގައިފަ އެވެ. އަދި މީގެ ތެރޭން 27 މީހެއްގެ ހަށިގަނޑުން ވަނީ ހިތުގެ ބޭހުގެ އަސަރު ފެނިފަ އެވެ. ދެ މީހެއްގެ މަރުގެ ކުށް ސާބިތުވުމުން ނިއެލްސް އަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެކަމަކު ކޯޓުގައި އޭނާ ވަނީ ބޭސް ދީގެން 30 މީހުން މަރާލި ކަމަށް އެއްބަސްވެފަ އެވެ.

ނަރުސް ބޭސް ދީގެން ބަލި މީހުން މަރާފައި ވަނީ 2003 އާއި 2005 އާ ދެމެދު އެވެ. ފުލުހުން އެޕްރީލް މަހު ބުނެފައި ވަނީ 200 މަރެއް އަލުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ނަރުސް ކުރިން މަސައްކަތް ކުރި ކްލިނިކްތަކުން މަރުވި މީހުން ވެސް ހިމެނެ އެވެ.

ޕްރޮސެކިއުޓަރުން ވިދާޅުވެފައި ވަނީ ނަރުހުގެ މައްޗަށް އާ ދައުވާތަކެއް ކުރާނެ ކަމަށެވެ. މި ދައުވާތައް ސާބިތު ވެއްޖެ ނަމަ ނިއެލް ހިމެނޭނީ ބޮޑު ހަނގުރާމަ އަށް ޖަރުމަނުން އެންމެ ގިނަ މީހުން މެރި މީހާ އަށެވެ.

ޝަރީއަތުގައި ނިއެލް ވަނީ އޭނާ މެރި މީހުންގެ އާއިލާތަކުގެ ކިބައިން މައާފަށް އެދިފަ އެވެ.