ނޯތު ކޮރެއާއާ އެކު ސީދާ މަޝްވަރާ އަށް ސައުތު ކޮރެއާ އިން ހުށަހަޅައިފި

ސޯލް (ޖުލައި 17) - ދެ ކޮރެއާގެ ހޫނުވެފައިވާ މަޝްރަހު ފިނިކުރުމުގެ ގޮތުން ނޯތު ކޮރެއާއާ އެކު ސީދާ މަޝްވަރާތައް ބޭއްވުމަށް ސައުތު ކޮރެއާ އިން ހުށަހަޅައިފި އެވެ.


"ދެ ކޮރެއާގެ އަދާވަތްތެރިކަމަށް ހައްލެއް ލިބޭތޯ ނޯތު ކޮރެއާ އެކު މި މަހު 21 ވަނަ ދުވަހު ޓޮންގިލްގަކުގައި މަޝްވަރާތައް ބޭއްވުމަށް ހުށަހަޅަން،" ސައުތު ކޮރެއާގެ ވައިސް ޑިފެންސް މިނިސްޓަރު ސޫހް ޗޫ-ސުކް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ޓޮންގިލްގަކް އަކީ ދެ ކޮރެއާ ގުޅުނު ސަރަހައްދުގައިވާ ނޯތު ކޮރެއާގެ އަވަށެއްގައި ހުންނަ އިމާރާތެކެވެ. ދެ ކޮރެއާގެ މަޝްވަރާތައް އާއްމުކޮށް ބާއްވަނީ މި ތަނުގަ އެވެ. ދެ ގައުމުގެ މަޝްވަރާތައް އެންމެ ފަހުން ބާއްވާފައި ވަނީ ޑިސެމްބަރު 2015 ގަ އެވެ.

ސައުތު ކޮރެއާގެ އާ ރައީސް މޫން ޖައި-އިން ވެރިކަމަށް ވަޑައިގަތުމާ އެކު ވަނީ ނޯތު ކޮރެއާއާ އެކު ސީދާ މަޝްވަރާތައް ފެށުމަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ނޯތު ކޮރެއާ އިން މި މަހު ކުރީކޮޅު ކުރި މިސައިލް ޓެސްޓްތަކާ ގުޅިގެން މަޝްރަހަށް ފިނިކަމެއް އަންނާނެކަމުގެ އިޝާރާތެއް ލިބިފައެއް ނުވެ އެވެ.

ސައުތު ކޮރެއާގެ ރެޑް ކްރޮސް އިން ބުނެފައި ވަނީ ދެ ކޮރެއާގެ ވަކިވެފައިވާ އާއިލާތައް އަލުން ގުޅުމާ ބެހޭ ގޮތުން އޮގަސްޓް މަހު މަޝްވަރާތައް ބާއްވަން ބޭނުންވާ ކަމަށެވެ.

ދެ ގައުމުގެ މަޝްވަރާތައް ފެށުމަށް ސައުތު ކޮރެއާ އިން ކުރިން ހުށަހެޅި ހުށަހެޅުންތަކަށް ނޯތު ކޮރެއާ އިން ވަނީ ދެކޮޅު ހަދައިފަ އެވެ.