ކަރާކަސް (ޖުލައި 27) - ރައްޔިތުންގެ ރުހުމާ ދެކޮޅަށް ގަދަބާރުން ޕާލަމެންޓް އިންތިޚާބެއް ބާއްވާ ގާނޫނު އަސާސީ ބަދަލު ކުރުމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ މަސައްކަތް ކުރައްވާތީ އެ ގައުމުގެ 13 އޮފިޝަލަކާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެމެރިކާގައި ހުރި އެމީހުންގެ މުދާތައް ހިފެހެއްޓުމާއި އެމެރިކާގެ ކުންފުނިތަކާ އެކު ވިޔަފާރި ކުރުން މަނާކުރުން ހިމެނެ އެވެ. އެމެރިކާ އިން ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި ވެނެޒުއެލާގެ ދާޚިލީ ވަޒީރާއި ސިފައިންގެ ވެރިޔާ ހިމެނެ އެވެ. މީގެ އިތުރުން ވެނެޒުއެލާގެ އިލެކްޓޯރަލް ކައުންސިލުގެ ރައީސް އާއި ކުރީގެ ނައިބް ރައީސް ހިމެނެ އެވެ. ޕާލަމެންޓުގެ ވޯޓު އިންތިޒާމް ކުރާ ކޮމިޝަނުގެ އިސްވެރިޔަކީ ކުރީގެ ނައިބް ރައީސް އެވެ.

އަންނަ އާދިއްތަ ދުވަހަށް ޝެޑިއުލް ކޮށްފައިވާ އިންތިޚާބު ބާއްވައިފި ނަމަ ވެނެޒުއެލާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައްް އަޅާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ދެއްވައިފަ އެވެ. އެކަމަކު ވެނެޒުއެލާ ސަރުކާރުން ބުނެފައި ވަނީ ރާވާފައިވާ ގޮތަށް އިންތިޚާބު އޮންނާނެ ކަމަށެވެ.

ވެނެޒުއެލާގެ ޕާލަމެންޓުގެ ކޮންޓްރޯލް މިހާރު އޮތީ އިދިކޮޅު ފަރާތްތަކުގެ އަތުގަ އެވެ. ސަރުކާރުން ބޭނުން ވަނީ 545 މެންބަރުން ހިމެނޭ ޕާލަމެންޓް އަލުން އިންތިޚާބުކޮށް އަޣުލަބިއްޔަތު ހޯދާ ގާނޫނު އަސާސީ ބަދަލު ކުރުމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ މިއީ ރައީސް ނިކޮލަސް މަދޫރާ ޚުދުމުޚްތާރު ވެރިކަމަކަށް މަގު ފަހިކުރަން ކުރަން އުޅޭ ކަމެއް ކަމަށެވެ.

އެމެރިކާ އިން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކުރައްވަމުން ޓްރެޝަރީ ސެކްރެޓަރީ ވިދާޅުވީ ޑިމޮކްރެސީ ހަލާކު ކުރުމަށް މަދޫރޯގެ ސަރުކާރުން ކުރާ ކަންތަކަށް އެމެރިކާ އިން ފުރުސަތު ނުދޭނެ ކަމަށެވެ.

އިންތިޚާބާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން އިއްޔެ ވަނީ 48 ގަޑިއިރުގެ މުޒާހަރާއެއް ފަށައިފަ އެވެ.