މެލޭޝިއާގެ ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާގައި އިމާރާތުގެ ބައެއް ތަންތަން އަނދާފައި. --ފޮޓޯ:އޭއެފްޕީ
17 ސެޕްޓެމްބަރ 2017 - 15:46
ކުއާލަ ލަމްޕޫރު (ސެޕްޓެމްބަރު 17) - މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ މުސްލިމް ސްކޫލެއްގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ އުމުރުން 11-18 އަހަރާ ދެމެދުގެ ކުދިން ކަމަށެވެ. ސްކޫލުގައި ހިނގި އަލިފާނުގެ ހާދިސާގައި ވަނީ 21 ކުދިންނާއި ދެ ޓީޗަރުން މަރުވެފަ އެވެ.
ތަހްފީޒް ދާރުލް ގުރުއާން އިއްތިފާގިއްޔާ ސްކޫލުގައި އަލިފާން ރޯވީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު އެވެ. ކުދިން ނިދާ ބައިގައި ރޯވި އަލިފާނުން ސަލާމަތް ނުވީ ކުޑަ ދޮރުތަކުގައި ދަގަނޑު ނަރު ޖަހާ ބަންދުކޮށްފައި ހުރުމުން ކަމަށްވެ އެވެ.
ކުއާލަ ލަމްޕޫރު ފުލުހުންގެ ވެރިޔާ އަމަރު ސިންގް އިއްޔެ ވިދާޅުވީ ސްކޫލުގެ ކައްކާ ބައިން ދެ ގޭސް ފުޅި ގެނެސްފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައި ވަނީ ކުދިންގެ ސަކަރާތެއްގެ ތެރޭން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަމަރު ސިންގް ވިދާޅުވީ ކުދިންގެ މަގުސަދަކީ ހަމައެކަނި އަލިފާން ރޯކުރުން ކަމަށްވިޔަސް އެ ކުދިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ކުރެވިދާނެ ކަމަށެވެ. އަދި އެ ކުދިން ސަކަރާތް ޖެހީ އެކަމުގެ ހުރި ނުރައްކާ ނޭނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy