ޑާކާ (ޖުލައި 1) - ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ޑިޕްލޮމެޓިކް އޭރިޔާގައި ހުރި މަޝްހޫރު ކެފޭއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ގިނަ ބަޔަކު މިރޭ ރަހީނުކޮށްފި އެވެ.
އޮފިޝަލުން ބުނީ ޑާކާގެ ގުލްޝަން ޑިސްޓްރިކްޓުގެ ކެފޭ އަށް ހަތިޔާރު ހިފައިގެން ވަން އަށެއް ނުވަތަ ނުވަ މީހުން ރަހީނު ކުރި މީހުންގެ ތެރޭގައި ބިދޭސިން ވެސް ހިމެނެ އެވެ. ރެސްޓޯރެންޓުގައި 20-30 މީހުން ރަހީނުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ފުލުހުންގެ ތަރުޖަމާނަކު ބުނީ ބަޑީގެ ހަމަލާގައި ފުލުހުންގެ އޮފިސަރަކު މަރުވެފައިވާ ކަމަށެވެ. އަދި އިތުރު ފަސް މީހަކު ވެސް ޒަޚަމްވެފައިވާ ކަމަށެވެ. ފުލުހުން ބުނީ ކެފޭ ހުރި ސަރަހައްދު މިހާރު ބަންދުކޮށްފައިވާ ކަމަށާއި އަދި ހަތިޔާރު އަޅައިގެން ތިބި މީހުންނާ މަޝްވަރާ ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ބޭނުން ވަނީ މިކަން ސުލްހަވެރި ގޮތުގައި ހައްލު ކުރުން. ހަތިޔާރު އަޅައިގެން ތިބި މީހުންނާ ވާހަކަ ދެއްކޭތޯ ބަލަމުން މިދަނީ. އެންމެ ފުރަތަމަ އިސްކަން ދޭނީ ރަހީނުކޮށްފައި ތިބި މީހުން ސަލާމަތް ކުރުމަށް،" ބަންގްލަދޭޝްގެ އެލީޓް ޕޮލިސް ފޯހުގެ ރެޕިޑް އެކްޝަން ބެޓޭލިއަންގެ އިސްވެރިޔާ ބޭނަޒީރު އަހުމަދު ވިދާޅުވި އެވެ.
ފުލުހުން ބުނީ ބިދޭސީންގެ ގިނަ ބަޔަކު އާއްމުކޮށް ގޮސް އުޅޭ ކެފޭ އަށް ހަތިޔާރު އެޅި މީހުން ވަދެ ހަމަލާ ދޭން ފެށީ ރޭގަނަޑު ގާތްގަނޑަކަށް 21:20 ގަ އެވެ. މި ކެފޭ އަށް ޑިޕްލޮމެޓުންނާއި މެދު ފަންތީގެ އާއިލާތަކުގެ މީހުން ވެސް ވަރަށް ގިނައިން ގޮސް އުޅެ އެވެ.
ހަތިޔާރު އަޅައިގެން ކެފޭ އަށް ވަނީ ކޮން ބައެއް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ފުލުހުން ތުހުމަތު ކުރަނީ އެެއީ އިސްލާހީ ހަނގުރާމަވެރިންގެ ގްރޫޕެއް ކަމަށެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނަނީ ހަމަލާ ދެމުން ދިޔަ އިރު ﷲ އަކްބަރުގެ އަޑު އިވިފައިވާ ކަމަށެވެ.