ޑާކާ (ޖުލައި 7) - ބަންގްލަދޭޝްގައި މިއަދު ހެނދުނު ފިތުރު އީދު ނަމާދުގެ ޖަމާއަތަށް އެތައް ލައްކަ ބަޔަކު ހާޒިރުވެފައި ވަނިކޮށް ހަނގުރާމަވެރިންގެ ބަޔަކު ބަޑި އާއި ބޮމުން ހަމަލާ ދިނުމުން ސިފައިންގެ ދެ މީހުން މަރުވެ ދިހަ ވަރަކަށް މީހުން ޒަޚަމްވެއްޖެ އެވެ.
ހަމަލާ ދީފައި ވަނީ ޑާކާގެ އިރު އުތުރުން 62 މޭލު ދުރުގައި އޮންނަ ޝޮލާކިއާ މައިދާނަށް ގާތްގަނޑަކަށް ތިން ލައްކައެއްހާ މީހުން އީދު ނަމާދުގެ ޖަމާއަތަށް ޖަމާވެފައި ވަނިކޮށެވެ.
ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު ހަސަނުލް ހައްގު ވިދާޅުވީ ހަމަލާ ދިން މީހުންގެ ތެރޭން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަނެއް މީހާ މަރާލާފައިވާ ކަމަށެވެ.
"މި ހަމަލާގެ ފަހަތުގައި ވަނީ ކޮން ކަމެއް އަދި ނޭނގޭ. އެކަމަކު މިއީ އިސްލާމް ދީނާ އަދި ޝެއިޚް ހަސީނާގެ ސަރުކާރާ ވެސް ދެކޮޅު ޓެރަރިސްޓުންގެ ބަޔަކު ކުރި ކަމެއް،" އިންފޮމޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
އީދު ޖަމާއަތްތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމަށް އެ ގައުމުގެ ސިފައިންނާ ފުލުހުން ވަނީ ބުނެފަ އެވެ. އީދު ނަމާދުގެ ޖަމާއަތް ކުރިއަށްދާ ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް އަދި ޖަމާއަތަށް މީހުން ވެއްދުމުގެ ކުރިން ބަލާ ފާސްކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީދުގެ ޖަމާއަތަށް ހަމަލާދީފައި މި ވަނީ ޑާކާގެ ކެފޭއަކަށް ޓެރަރިސްޓުންގެ ބަޔަކު ވަދެ ހަމަލާދީ ރަހީނުންގެ 20 މީހުން މަރާލާފައި ވަނިކޮށެވެ.
"ހަމަލާ ދިން މީހުން އެންމެ ފުރަތަމަ އުކަން ފެށީ ބޮން. ދެން ފުލުހުން ރައްދުގައި ބަޑި ޖަހަން ފެށުމުން ހަނގުރާމަވެރިން ވެސް ބަޑިން ހަމަލާ ދިނީ،" ފުލުސް ކޮމިޝަނަރުގެ ނައިބް ތޮފާޒުލް ހުސައިން ވިދާޅުވި އެވެ.
ޑާކާގައި އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު އީދު ނަމާދުގެ ޖަމާއަތް ބޭއްވީ ނޭޝަނަލް އީދުގާހު މައިދާނުގަ އެވެ. ރައީސް އަބްދުލް ހާމިދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަމާއަތަށް 50،000 މީހުން ދިޔަ އެވެ. --އޭއެފްޕީ