ޑާކާ (ޖުލައި 11) - ވެރިރަށް ޑާކާގެ ކެފޭއަކަށް ހަމަލާދީ ރަހީނުންގެ ގިނަ ބަޔަކު މަރާލި ހާދިސާ އަށް ފަހު އިސްލާމީ ޓީވީ ޗެނަލް، ޕީސް ޓީވީ ބަންދުކުރަން ބަންގްލަދޭޝް ސަރުކާރުން ނިންމައިފި އެވެ.
ޓީވީ ޗެނަލް ބަންދުކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ޓީވީގެ ޕްރޮގްރާމްތައް ބަލައިގެން ހަރުކަށި ވިސްނުމަށް ގިނަ ބަޔަކު އެނބުރެމުންދާ ކަމަށް ތުހުމަތުކުރެވޭތީ އެވެ. ނަމަވެސް ޓީވީ ޗެނަލް ހިންގަވާ ޒާކިރު ނައިކް ވިދާޅުވީ އިސްލާމީ ހަރުކަށި ފިކުރަށް މީހުން އެނބުރި ޖާނުންފިދާވުމުގެ ހަމަލާތައް ދޭން ހިތްވަރު ދޭ ކަހަލަ އެއްވެސް ޕްރޮގްރާމެއް ޕީސް ޓީވީން ނުފޮނުވާ ކަމަށެވެ.
ޑާކާގެ ކެފޭ އަށް ދިން ހަމަލާގައި 22 މީހުން ވަނީ މަރާލައިފަ އެވެ. ބަންގްލަދޭޝްގެ ބައެއް މީޑިއާތަކުން ތުހުމަތުކޮށްފައި ވަނީ ހަމަލާ ދިން އެކަކަށް ހިތްވަރު ލިބިފައި ވަނީ ޕީސް ޓީވީން ފޮނުވި ޒާކިރު ނައިކުގެ ތަގުރީރެއްގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު ވާނީ ބަންގްލަދޭޝް ސަރުކާރުގެ ބައެއް މީހުންނާ ގުޅާ ވާހަކަ ދައްކާފައި. އެ މީހުން ވެސް ގަބޫލް ކުރޭ އަޅުގަނޑުގެ ތަގްރީރެއްގެ ސަބަބުން ޓެރަރިސްޓް ހަމަލާއަކަށް މަގު ފަހިވެގެން ނުދާކަން،" އިންޑިއާގެ މީޑިއާއާ ވާހަކަ ދައްކަވަމުން ޒާކިރު ނައިކް ވިދާޅުވި އެވެ.
ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރު ހަސަނުލް ހައްގު އިނޫ ވިދާޅުވީ ޕީސް ޓީވީ ބަންދު ކުރުމަށް އަޅަން ޖެހޭ އިދާރީ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
"މުސްލިމް މުޖްތަމައު އާއި ގުރުއާނާއި ސުންނަތް އަދި ހާދީސް އާއި ބަންގްލަދޭޝްގެ ގާނޫނު އަސާސީ އާއި ސަގާފަތާ މުޅިން އެއްގޮތް ޕްރޮގްރާމްތަކެއް ނޫން ޕީސް ޓީވީން ފޮނުވަމުން ގެންދަނީ،" ޕީސް ޓީވީ ބަންދުކުރުމަށް ކެބިނެޓުގެ ލޯ އެންޑް އޯޑަ ކޮމިޓީން ނިންމުމާ ގުޅިގެން ބަންގްލަދޭޝްގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އިނޫ ވިދާޅުވި އެވެ.
ޕީސް ޓީވީ ބްރޯޑްކާސްޓް ކުރަނީ ދުބާއީންނެވެ. މި ޓީވީގެ ޕްރޮގްރާމްތައް އިނގިރޭސި އުރުދޫ އަދި ބަންގާޅު ބަހުން ފޮނުވަ އެވެ. މި ޓީވީ ޗެނަލް ހިންގަނީ މުމްބާއީގެ އިސްލާމިކް ރިސާޗް ފައުންޑޭޝަނުންނެވެ. މި ފައުންޑޭޝަނުގެ ފައުންޑާ އަދި ރައީސް އަކީ ޒާކިރު ނައިކް، 50، އެވެ.
ހަރުކަށި ފިކުރަށް ހިތްވަރުދޭ ތަގްރީރުތައް ދެއްވާ ކަމަށް ތުހުމަތުކޮށް ޒާކިރު ނައިކް އިނގިރޭސި ވިލާތަށް ވަނުމަށް އެއްފަހަރަކު ވަނީ މަނާ ވެސް ކޮށްފަ އެވެ.
ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު އަސަދުއްޒަމާން ޚާން ވިދާޅުވީ ޒާކިރު ނައިކުގެ މައްސަލަ ޖާސޫސީ އިދާރާތަކުން ބަލަމުންދާ ކަމަށެވެ. އަދި ބަންގްލަދޭޝްގައި ޒާކިރު ނައިކް ހިންގަވާފައިވާ މާލީ މުއާމަލާތްތައް ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.