ޓްރަމްޕުގެ ނިންމެވުމަށް ރޫހާނީ ވަރުގަދަ ރައްދެއް ދެއްވައިފި

ތެހެރާން (އޮކްޓޯބަރު 14) - އީރާނުގެ ނިއުކްލިއާ އެއްބަސްވުން ސެޓިފައި ނުކުރައްވާ، ކޮންގްރެސް އިން ގޮތެއް ނިންމުމަށް ދޫކޮށްލެވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމުން އީރާނުގެ ރައީސް ހަސަން ރޫހާނީ އެކަމަށް ވަރުގަދަ އަށް ރައްދު ދެއްވައިފި އެވެ.


ގައުމީ ޓީވީ މެދުވެރިކުރައްވާ ރޫހާނީ ދެއްވި ބަޔާނުގައި ވިދާޅުވީ ޓްރަމްޕުގެ ފަރާތުން އަޑުއިވިގެން ދިޔައީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ޓްރަމްޕުގެ ފަރާތުން އީރާނުން އުއްމީދު ކުރާނެ ހެވެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާން އުޅޭތީ އެކަމަށް ރައްދު ދެއްވަމުން ރޫހާނީ ވިދާޅުވީ ދެން އިތުރަށް މަޝްވަރާ ކުރަން ޖެހޭނެ ކަމެއް އެއްބަސްވުމުގައި ނެތް ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރި އެހެން ގައުމުތަކުން ދަނީ ފުރިހަމަ އަށް އިހްތިރާމް ކުރަމުން ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި 2015 ވަނަ އަހަރު ސޮއިކޮށްފައި ވަނީ އެމެރިކާ، ފްރާންސް، އިނގިރޭސި ވިލާތް، ރަޝިޔާ، ޖަރުމަން، ޗައިނާ އަދި ޔޫރަޕިއަން ޔޫނިއަނުންނެވެ.

"ޓްރަމްޕަކީ ބައިނަލްއަގުވާމީ ގާނޫނު ދަސްކުރައްވައިގެން ހުންނެވި ބޭފުޅެއް ނޫން. ބައިނަލްއަަގުވާމީ އެއްބަސްވުމެއް ރައީސަކު ބޭނުންވީމާ ބާތިލް ކުރެވިދާނެތަ؟" ރޫހާނީ ސުވާލު ކުރެއްވި އެވެ. "މިއީ އެމެރިކާ އާއި އީރާނާ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުމެއް ނޫން."

ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވާން އުޅުނު ނަމަވެސް އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެހެން ގައުމުތަކުން ވަނީ އެއްްބަސްވުމަށް އަމަލު ކުރާނެ ކަމަށް ބުނެފަ އެވެ.