ހޫތީން ސައޫދީ އަށް ހަމަލާ ދެނީ އީރާނުގައި އުފައްދާ މިސައިލުން

ޔަމަންގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުންދާ ހޫތީ ހަނގުރާމަވެރިން، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް އިއްޔެ ފޮނުވައިލި މިސައިލްގައި ވެސް ހުރީ، އީރާނުގައި އުފައްދާ އެފަދަ ހަތިޔާރުގައި ހުންނަ ފަދަ ފާހަގަތަކެއް ކަމަށް އެމެރިކާ އިން ބުނެފި އެވެ.


އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރު ނިކީ ހާލޭ ވިދާޅުވީ އީރާންގެ އަމަލުތައް މިހާރު ހުރި ގޮތުން، މެދުއިރުމަތީގެ ހަމަނުޖެހުންތައް މިހާރަށް ވުރެ ފުން ވަޅުގަނޑަކަށް ވެއްޓުމުގެ ނުރައްކާ ދަނީ ވަރަށް ބޮޑުވަމުންނެވެ.

ހޫތީ ހަނގުރާމަވެރިން، ރިޔާޒަށް އަމާޒުކޮށް އިއްޔެ ފޮނުވައިލިި މިސައިލް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން ސައޫދީ އަރަބިއްޔާގެ އަސްކަރިއްޔާ އިން ދިން މިސައިލް ހަމަލާއެއްގައި، ހޫތީ މިސައިލް ވަނީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ. އެހެން ކަމުގެ ހޫތީންގެ މިސައިލް ހަމަލާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ހޫތީންނަށް މިސައިލާއި އަސްކަރީ އެހެނިހެން ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމަށް ސައޫދީ އާއި އެމެރިކާ އަދި ވިލާތުގެ ގައުމުތަކުން ތުހުމަތު ކުރި ނަމަވެސް އީރާނުން ވަނީ، ޔަމަންގެ ހޫތީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށް އިންކާރު ކޮށްފަ އެވެ.

ހޫތީ ހަނގުރާމަވެރިންގެ ޓީވީ ޗެނަލް އަލް މަސީރާ އިން ބުނި ގޮތުގައި އިއްޔެ ސައޫދީ އަށް ފޮނުވައިލި މިސައިލް އަމާޒުކުރީ ރިޔާޒްގައި ހުންނަ ޝާހީ ގަނޑުވަރަށެވެ. ހޫތީން އިއްޔެ ސައޫދީ އަށް ފޮނުވައިލީ "ބުރްކާން އެޗް 2" ކިޔާ މިސައިލެކެވެ.

ހޫތީން ބުނި ގޮތުގައި ސައޫދީ އަށް ހަމަލާ ދޭން މަޖުބޫރުވަނީ، އަރަބި އިސްލާމީ ގައުމުތަކަކާ ގުޅިގެން ސައޫދީން ކޯލިޝަނެއް އުފައްދައި ޔަމަންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަމަންގެ އާންމުންނަށް ހަމަލާ ދީ މަރަމުން ގެންދާތީ އެވެ.

ހޫތީ ޓީވީން ބުނި ގޮތުގައި އިއްޔެ ދިން މިސައިލް ހަމަލާ އަމާޒުކުރީ، ރިޔާޒްގައި ހުންނަ ޝާހީ ގަނޑުވަރު އަލް ޔަމާމާގައި ވަލީ އަހްދު މުހައްމަދު ބިން ސަލްމާން ބާއްވަން ތާވަލު ކޮށްފައި އޮތް މަޝްވަރާ ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމަކީ އަންނަ އަހަރަށް ސައޫދީ ސަރުކާރުން އެކުލަވާލާފައިވާ ބަޖެޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އަލް ޔަމާމާ ގަނޑުވަރަކީ، ސައޫދީ ރަސްގެފާނުގެ ޝާހީ ދަރުބާރާއި ރަސްގެފާނުގެ ޚާއްސަ އޮފީސްކޮޅު ވެސް ހުންނަ އިމާރާތެވެ.