ގުދުސްގެ މައްސަލައިގައި އދ.ގެ އާންމު މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމުގައި އެމެރިކާ އިން އިއުތިރާފްވި މައްސަލައިގައި ބަހުސް ކުރުމަށް، އަރަބި ގައުމުތަކާއި އިސްލާމީ ގައުމުތަކުގެ އެދުމަކަށް، އދ.ގެ އާންމު މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.


އދ.ގެ މެމްބަރު 193 ގައުމު ހިމެނޭ އާންމު މަޖިލީހުގެ ބައްދަލުވުމަށް ގުދުސްގެ މައްސަލަ މި ހުށަހެޅީ، މިދިޔަ ހޯމަ ދުވަހު އެ މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހަށް މިސްރުން ހުށަހެޅި ގަރާރު އެމެރިކާ އިން ވީޓޯ ކޮށް ފެއިލް ކޮށްލުމާ ގުޅިގެންނެވެ. އެމެރިކާގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބަޔާންކޮށް މިސްރުން ހުށަހެޅި ގަރާރަށް، ސަލާމަތީ މަޖިލީހުގެ 14 މެމްބަރުން ތާއީދު ކުރި އިރު، ވީޓޯގެ ބޭނުންކުރީ އެމެރިކާ އެކަންޏެވެ.

އދ.ގައި ހުންނަވާ މިސްރުގެ ސަފީރު ރިޔާޟް މަންސޫރު ވިދާޅުވީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އިއުތިރާފްވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ނިންމެވުމަކީ އޭގެ ޒާތުގައި ވެސް ބާތިލު ނިންމެވުމެއް ކަމަށް ބަޔާންކޮށް މާދަމާ ހުށަހަޅާ ގަރާރަށް، އދ.ގެ އާންމު މަޖިލީހުގައި ވޯޓު ނަގާނެ އެވެ. އަދި އެ ގަރާރަށް އާންމު މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ތާއީދު ކުރާނެ ކަމަށް ފަލަސްތީނުން އުންމީދު ކުރެ އެވެ.

އދ.ގެ އާންމު މަޖިލީހުން ފާސްކުރާ ގަރާރަކީ، އެއަށް އަމަލުކުރުން ލާޒިމްވާ އެއްޗަކަށް ނުވިޔަސް، އެ ފަދަ ގަރާރުތަކަކީ ވެސް ބައިނަލްއަގުވާމީ މުޖްތަމައުގައި ސިޔާސީ ގޮތުން ބުރަދަން ބޮޑު އެއްޗެކެވެ.

މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހުގައި އދ.ގެ ސަފީރު ނިކީ ހާލޭ، ގުދުސްގެ ގަރާރު ވީޓޯ ކުރަނީ. އޭއެފްޕީ

އދ.ގެ ސަލާމަތީ މަޖިލީހުން އެމެރިކާ އިން ވީޓޯގެ ބޭނުން ކުރުމަށް ފަހު، އެމެރިކާގެ ސަފީރު ނިކީ ހާލޭ ކުރެއްވި ޓުވީޓެއްގައި އިންޒާރު ދެއްވައި ވިދާޅުވީ، ގުދުސްގެ މައްސަލައިގައި އެމެރިކާ އިން ނިންމި ނިންމުމާ ދެކޮޅަށް ފާޑު ކިޔައި، މިސްރުގެ ގަރާރު ފާސްކުރަން ވޯޓު ދިން ގައުމުތައް އެމެރިކާ އިން ފާހަގަ ކުރާނެ ކަމަށެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވެ، އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލު ކުރުމަށް މި މަހުގެ 6 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވުމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެކަމާ ދެކޮޅަަށް މުޒާހަރާތައް ކުރަމުންނެވެ. އެ ދުވަހުން ފެށިގެން ފަލަސްތީނުގެ ބިންތަކުގައި ކޮންމެ ދުވަހަކު ވެސް އިޒްރޭލު ސިފައިންނާ ދެކޮޅަށް މުޒާހަރާތައް ކުރަމުންނެވެ.

ފަލަސްތީނު މީހުންގެ މުޒާހަރާތައް މައިތިރި ކުރުމަށް އިޒްރޭލު ސިފައިން ދަނީ ރަބަރު ވަޒަނާއި ކަރުނަ ގޭހުގެ އިތުރުން އަސްލު ވަޒަން ބޭނުންކޮށްގެން ހަމަލާ ދެމުންނެވެ. މި މުޒާހަރާތަކުގައި އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހަކު މަރުވެ އިތުރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.