އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް އުއްތަމަ ފަނޑިޔާރާ ދެކޮޅަށް

ނިއު ދިއްލީ (ޖެނުއަރީ 12) - އިންޑިއާގެ ސުޕްރީމް ކޯޓުގެ ސީނިއާ ފަނޑިޔާރުންތަކެއް އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ތެދުވެއްޖެ އެވެ.


އިންޑިޔާގެ ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އުއްތަމަ ފަނޑިޔާރު ޑީޕަކް މިސްރާ ކަންތައް ކުރައްވާ ގޮތުން ޑިމޮކްރެސީ ނުރައްކަލުގެ ތެރޭގައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލަތައް ހަވާލު ކުރަނީ އުއްތަމަ ފަނޑިޔާރު ހިތް ރުހޭ ބެންޗަކަށް ކަމަށާއި މިއީ ކޯޓުގެ ގަވާއިދާ ޚިލާފު ކަމެއް ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ. އިންޑިއާގައި ޑިމޮކްރެސީ ދެމެހެއްޓޭނީ ކޯޓުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައިގެން ކަމަށް ވެސް ހަތަރު ފަނޑިޔާރުން ވިދާޅުވި އެވެ.

މިއީ އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ނޫސްވެރިންނާ ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. ކޯޓުގެ މައްސަލަތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މީޑިއާގައި ވާހަކަ ދެއްކުމަކީ އެއްވެސް އިއްރެއްގައި ކުރި ކަމެއް ނޫނެވެ.

ފަނޑިޔާރުންގެ އާދަޔާޚިލާފު މި ނިންމުމާ ގުޅިގެން ބޮޑު ވަޒީރު ނަރެންދުުރަ މޯދީ އަށް ވެސް ވަނީ ކުއްލި ހައިރާން ކަމެއް ލިބިވަޑައިގެންފަ އެވެ. މޯދީ ވަނީ ލޯ މިނިސްޓަރު ރަވީ ޝަންކަރު ޕްރަސާދާ އެކު ކުއްލި ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.

އުއްތަމަ ފަނޑިޔާރަށް ފޮނުވި ސިޓީއެއް ވެސް ހަތަރު ފަނޑިޔާރުން ވަނީ ނޫސްވެރިންނަށް ހާމަކޮށްފަ އެވެ. ސިޓީގައި ވަނީ އުއްތަމަ ފަނޑިޔާރަށް ނުފޫޒް ފޯރުވޭނެހެން ހީވާ ބެންޗުތަކަށް ބައެއް މައްސަލަތައް ހަވާލު ކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ކޯޓުގެ ބައެއް ނިންމުތަކާ މެދު ފަނޑިޔާރުން ހިތްހަމަނުޖެހޭ ކަމަށް ވެސް ވަނީ ސިޓީގައި ބުނެފަ އެވެ.

ހަތަރު ފަނޑިޔާރުން ވިދާޅުވީ އެ މީހުން މީޑިއާ އަށް މި ވާހަކަތައް ގެނެސް ދޭން ޖެހުނީ އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ. ސަބަބަކީ އެ މީހުންގެ ކަންބޮޑުވުންތައް އުއްތަމަ ފަނޑިޔާރު އަޑުއަހަން ދެކޮޅު ހަދާފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ވަކި ބެންޗަކާ ހަވާލު ކޮށްފައި ވަނީ ކޮން މައްސަލައެއް ކަމެއް ފަނޑިޔާރުން ވިދާޅެއް ނުވެ އެވެ. އެކަމަކު އިންޑިއާގެ ބައެއް މީޑިއާތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އެއީ ރިޓަޔާކޮށްފައިވާ ހައި ކޯޓުގެ ފަނޑިޔާރެއްގެ ކޮރަޕްޝަނުގެ މައްސަލަ އެވެ.