ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ވަރަށް އިންޑިއާގެ ނުފޫޒު ގަދަކޮށް، ބާރުވެރިކަން ހިންގަން މަސައްކަތް ކުރަމުންދާ ކަމަށާއި މި ގައުމުގައި ތިބި އިންޑިއާގެ ސިފައިން ޖެހޭނީ ފައިބަން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ އިއްވި ޖަލު ހުކުމުން މިނިވަންވެ، ކާނިވަލުގައި ބޭއްވި ފުރަތަމަ ޖަލްސާގައި އެ މަނިކުފާނު މި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް މައްސަލައަކީ އިންޑިއާއާ އޮންނަ ގުޅުންތަކެވެ. މި ގުޅުންތަކުގެ ތެރެއިން އިންޑިއާގެ ސިފައިންނަށް ރާއްޖެ އިން ޖާގަ ދީފައިވާ ކަމަށާއި މިއީ އެ ގައުމުގެ އަވަށެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާގެ ނުފޫޒަށް ސަރުކާރު ދީލާލާފައިވާ ވަރަށް ފާޑުވިދާޅުވަމުން، ޔާމީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ރައީސަކަށް ހުންނަވަނީ އެ ގައުމުގެ ގަވަރުނަރެއް ނޫނެވެ. މި ގައުމުން އިންޑިއާގެ ސިފައިންނަށް ޖާގަ އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ބައިތިއްބާފައި ވަނީ "ޚިޔާނާތްތެރި ރޭވުމެއްގެ ދަށުންނެ"ވެ.
"ރަސްމީކޮށް މި ދަންނަވަނީ، ކުރީގެ ރައީސްކަން ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން މި ދަންނަވަނީ، އެތައް ހާސް ރައްޔިތުން ތަމްސީލު ކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ، އަޅުގަނޑުމެންނެއް ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހަކު ވެސް، އެންމެ ބޫޓު ޖޯޑެއް ވެސް އަޅުގަނޑުމެންގެ ފަސްގަނޑުގައި ހުންނާކަށް،" އެތައް ހާސް ބަޔަކު ބައިވެރިވެގެން ކާނިވާ ސަރަހައްދު ފުރައިލި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމަން ބަލަހައްޓަން މިތަނުގައި އިންޑިއާގެ ސިފައިން ތިބޭކަށް ނުޖެހޭ. އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން."
އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލަ ހޫނުވެ މަޖިލީހުގެ ކޮމިޓީއަށް ޑިފެންސް މިނިސްޓްރީގެ އިސްވެރިން ހާޒިރުކުރުމުން ވިދާޅުވެފައި ވަނީ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބީ އިންޑިއާގެ 75 ސިފައިން ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިއިރު ދިވެހި ސިފައިން އެކަން މާބޮޑު ކަމަކަށް ނުހަދައި ތިބި ކަމަށް ވިދާޅުވެ ޔާމީން މިރޭގެ ޖަލްސާގައި ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ. އެއީ މާތްﷲ ގަންދީ ހުވައެއް ކޮށްގެން ތިބި ސިފައިންތަކެއްގެ އަމަލުތައް ހުރެގެން ވާނެ ގޮތެއް ނޫން ކަމަށާއި އެ ހުވާ ކޮށްގެން ތިބީ ގައުމާއި ދީނާއި މިނިވަންކަން ހިމާޔަތް ކުރަން ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވައިލުން، ޔާމީންގެ ވެރިކަމުގައި މުހިންމު ކަމެއްގެ ގޮތުގައި ނަގައިގެން ކުރި ނަމަ، އެކަން ކުރެވުނީސް ކަމަށް ވިދާޅުވެ އެމްއެންޑީއެފްގެ މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ދެއްކެވި ވާހަކަ އަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އޭރު ވެރިކަމުގައި ކުރެއްވި ކަންކަން އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީގެ ލިޔެކިޔުންތަކުން ފެންނަ ހުންނާނެ ކަމަށާއި ރާއްޖޭގައި އޯވާ-ސްޓޭ ކުރި އެއްވެސް މީހަކަށް ވިސާ ނުދޭކަން ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ.
"މިއަދު އަޅުގަނޑު ޝަމާލަށް ދަންނަވާލަން، އަޅުގަނޑުމެން އެންމެން މި ދަންނަވަނީ އަޅުގަނޑުމެން މި ތަނުން ބޭނުމޭ އިންޑިއާގެ ސިފައިން ފައިބަން. އެ މީހުން އެ ތިބީ އެގްރީމެންޓާއި ގާނޫނާ ހިލާފަށް،" އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބިތިބުމާ ދެކޮޅަށް ފުރަތަމަ ފަހަރަށް ޕޯޑިއަމްގައި ދެއްކެވި ވާހަކަފުޅުގައި ޔާމީން ވިދާޅުވި އެވެ.
ފަސް އަހަރުގެ ޖަލު ހުކުމުން ސަލާމަތް ވިޔަސް، އަދިވެސް މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކެއް އޮތް ޔާމީން ވަނީ ސަރުކާރުން މިދިޔަ ތިން އަހަރު ކުރި މަސައްކަތްތަކަށް ވެސް ފާޑުވިދާޅުވެ، މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅުން އަންނަނީ ބޮޑު ކެމްޕެއިނެއް ހިންގަމުންނެވެ. އެކަމަކު ރާއްޖެއިން އިންޑިއާއާ އެކު ހެދި ތިން އެއްބަސްވުމެއްގައި އެއްވެސް ގޯހެއް ނެތް ކަމަށް ރައްޔިތުންގެ މަަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ މިދިޔަ ހަފުތާގައި ނިންމައިފަ އެވެ.