ދުބާއީ (މާޗް 20) - ދުނިޔޭގެ އެންމެ ރަނގަޅު ޓީޗަރުގެ މަގާމަށް އިނގިރޭސި ވިލާތުގެ އެންމެ ފަގީރު އެއް ހިސާބުގެ ސްކޫލެއްގައި މަސައްކަތް ކުރި ޓީޗަރެއް ކަމަށްވާ އަންދުރިއާ ޒަފިރަކޫ ހޮވައިފި އެވެ.

ދުބާއީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ގްލޯބަލް ޓީޗާ އެވޯޑާ އެކު ޒަފިރަކޫ އަށް ވަނީ އެއް މިލިއަން ޑޮލަރު ދީފަ އެވެ. އަލްޕާޓަން ކޮމިއުނިޓީ ކޮލެޖުގެ އާޓްސް އެންޓް ޓެކްސްޓައިލްސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޒަފިރަކޫ އަށް އެންމެ ރަނގަޅު ޓީޗަރުގެ އެވޯޑް ލިބުނީ އެ މަގާމަށް ދުނިޔޭގެ 179 ގައުމުން ހުށަހެޅި 30،000 ޓީޗަރުންގެ ތެރޭންނެވެ.

ޒަފިރަކޫ އަށް މަރުހަބާ ވިދާޅުވެ ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ކުރެއްވި ޓްވީޓުގައި ވަނީ ޓީޗަރުކަމަކީ އެންމެ މަތިވެރި އެއް ވަޒީފާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓީޗަރުންނަކީ "ތަރިތަކެއްގެ" ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.

"ގްލޯބަލް ޓީޗާ ޕްރައިޒް" އިނގިރޭސި ޓީޗަރު އަންދުރިއާ ޒަފިރަކޫ އަށް ހަވާލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
"ގްލޯބަލް ޓީޗާ ޕްރައިޒް" އިނގިރޭސި ޓީޗަރު އަންދުރިއާ ޒަފިރަކޫ އަށް ހަވާލު ކުރަނީ. --ފޮޓޯ:އޭއެފްޕީ

އިވެންޓް އިންތިޒާމްކުރި ފަރާތުން ބުނީ ޒަފިރަކޫ މަސައްކަތްކުރާ ލަންޑަނުގެ ބްރެންޓް އޭރިއާގެ ސްކޫލަށް ކިޔަވަން ދަނީ ފަގީރު އާއިލާތަކުގެ ކުދިން ކަމަށެވެ. އޭނާ ވަނީ ސްކޫލުގެ ކަރިކިއުލަމް އަލުން ޑިޒައިންކޮށްފަ އެވެ. ގޭންގުތަކުގެ ހަމަނުޖެހުން ވެސް ބޮޑު އެ އޭރިޔާގައި ހަމަޖެހުން ގާއިމްކުރުމަށް ފުލުހުންނާ ގުޅިގެން ޒަފިރަކޫ މަސައްކަތްކޮށްފައިވާ ކަމަށް ވަނީ އިވެންޓް އިންތިޒާމްކުރި ދުބާއީގެ ވާކީ ފައުންޑޭޝަނުގެ ބަޔާނުގައި ބުނެފަ އެވެ.

ޒަފިރަކޫ އަށް އެއް މިލިއަން ޑޮލަރު ދޭނީ 10 އަހަރުގެ އިންސްޓޯލްމަންޓަށް ބަހާލައިގެންނެވެ. ޝަރުތަކީ މަދުވެގެން ފަސް އަހަރު ޓީޗަރުކަން ކުރުމެވެ. މިއީ އެ އެވޯޑް ދިން ހަތަރު ވަނަ އަހަރެވެ.