ޔުނައިޓެޑް ނޭޝަންސް (މާޗް 31) - ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް އެ ގައުމާ އެކު ވިޔަފާރިކޮށްގެން 27 ބޯޓަކާއި 21 ކުންފުންޏެއް އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ބްލެކްލިސްޓްކޮށްފި އެވެ.

ސަލާމަތީ މަޖިލީހުން އެޅި ފިޔަވަޅުތަކުގެ ދަށުން ނޯތު ކޮރެއާގެ 13 ތެޔޮ ޓޭންކަރާއި ކާގޯ ބޯޓެއް ވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގެ ބަނދަރަށް ދަތުރު ކުރުން މަނާކޮށްފަ އެވެ. އަދި ނޯތު ކޮރެއާ އަށް މުދާ ސްމަގްލް ކުރަން އެހީވި 12 ބޯޓެއް ވެސް ވަނީ އެއްވެސް ގައުމެއްގައި ބަނދަރު ކުރުން މަނާކޮށްފަ އެވެ. މީގެ އިތުރުން ނޯތު ކޮރެއާގެ ދެ ބޯޓެއްގެ އެސެޓްތައް ވަނީ ފްރީޒް ކޮށްފަ އެވެ. އެކަމަކު އެ ދެ ބޯޓު ބަނދަރުތަކަށް ވަނުން މަނާކޮށްފައެއް ނުވެ އެވެ.

ބްލެކް ލިސްޓް ކުރި 21 ކުންފުންޏެއްގެ އެސެޓް ވެސް ވަނީ ފްރީޒްކޮށްފަ އެވެ. އޭގެ ތެރޭގައި ހޮން ކޮންގުގައި ރަޖިސްޓްރީ ކޮށްފައިވާ ފަސް ކުންފުނި ހިމެނެ އެވެ. ނޯތު ކޮރެއާ އަށް ކޯލް ސަޕްލައި ކުރި ޗައިނާގެ ދެ ކުންފުންޏެއް ވެސް ވަނީ ބްލެކްލިސްޓް ކޮށްފަ އެވެ. ދެން ބްލެކްލިސްޓް ކުރީ ސިންގަޕޫރާއި ސަމޯއާ، މާޝަލް އައިލެންޑްސް އަދި ޕެނަމާ، ކޮންމެ ގައުމަކުން ކުންފުންޏެކެވެ. ދެން ހިމެނެނީ ނޯތު ކޮރެއާގެ ކުންފުނިތަކެވެ.

ބައެއް ކުންފުނިތަކާއި ބޯޓުތައް އދ. އިން ބްލެކްލިސްޓް ކުރީ ނޯތު ކޮރެއާ އަށް ތެލާއި ކޯލް ސްމަގްލް ކުރަން ހުއްޓުވުމަށް. --ފޮޓޯ:ގެޓީ އިމޭޖަސް
ބައެއް ކުންފުނިތަކާއި ބޯޓުތައް އދ. އިން ބްލެކްލިސްޓް ކުރީ ނޯތު ކޮރެއާ އަށް ތެލާއި ކޯލް ސްމަގްލް ކުރަން ހުއްޓުވުމަށް. --ފޮޓޯ:ގެޓީ އިމޭޖަސް

ނޯތު ކޮރެއާ އަށް ގަވައިދާޚިލާފަށް ޝިޕްމަންޓްތައް ފޮނުވި ޓައިވާނުގެ ވިޔަފާރިވެރިއެއް ކަމަށްވާ ސަން ޔަން ޔުއާން ކިޔާ މީހެއްގެ އެސްޓްތައް ފްރީޒްކޮށް އޭނާ ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ.

އެމެރިކާ އިން ސަލާމަތީ މަޖިލީހުގައި ފުރަތަމަ އެދިފައި ވަނީ 33 ބޯޓާއި 27 ކުންފުނި ބްލެކްލިސްޓް ކުރުމަށެވެ. ނަމަވެސް ޗައިނާ އިން ވަނީ އެ ލިސްޓް އަލުން މުތާލިއާ ކުރުމަށް އެދިފަ އެވެ.

ނޯތު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވަނީ އދ.ގެ ގަރާރުތަކާ ޚިލާފަށް އެ ގައުމުން ތަކުރާރުކޮށް ނިއުކްލިއާ ޓެސްޓާއި ބެލިސްޓިކް މިސައިލް ޓެސްޓް ކުރުމުންނެވެ.

ނޯތު ކޮރެއާ އެކު ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް އެމެރިކާ އިން ވަނީ ޕިއޮންޔަންއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފަ އެވެ. އެންމެ ފަހުގެ ފިޔަވަޅުތައް ސަލާމަތީ މަޖިލީހުން ފާސްކުރި އިރު ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ސަމިޓެއް މެއި މަހު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

ސަލާމަތީ މަޖިލީހުގެ ނިންމުމަށް ތާއީދުކުރައްވާ އެމެރިކާ ސަފީރު ނިއްކީ ހޭލީ ވިދާޅުވީ އެ ފިޔަވަޅުތަކުން ދޭހަކޮށްދެނީ ނޯތު ކޮރެއާ އަށް ޕްރެޝަރު ކުރުމުގައި ބައިނަލްއަގުވާމީ މުޖްތަމައު އެކަތިގަނޑަކަށްވެފައި އޮތް މިންވަރު ކަމަށެވެ.

ނޯތު ކޮރެއާ އިން އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ބާވަތްތައް ކަމަށްވާ ކޯލް، ދަގަނޑު އަދި ސްޓީލް ބޭރުކޮށްގެން އެ ގައުމުން މިދިޔަ އަހަރު 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ ކަމަށް ދާދި ފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.