ލަންކާގެ ޕޯޓް ސިޓީ އަށް ޗައިނާގެ ސީސީސީސީ އިން 800 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

ކޮލަމްބޯ (އެޕްރީލް 13) - ސްރީ ލަންކާގައި ކަނޑު ހިއްކައިގެން ހަދާ ޕޯޓް ސިޓީ އަށް ޗައިނާ ކޮމިއުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން 800 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމައިފި އެވެ.


ޗައިނާ ސަރުކާރު ކުންފުނިން 1.4 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާ ސިޓީގައި އިންވެސްޓް ކުރަނީ ބިމުއަޑީގެ މަގުގެ ނެޓްވޯކެއް ހެދުމަށެވެ.

ސްރީ ލަންކާގެ މިނިސްޓަ އޮފް މެގަޕޮލިސް އެންޑް ވެސްޓަން ޑިވެލޮޕްމަންޓް ޗަމްޕިކާ ރަނަވަކާ ވިދާޅުވީ ބިމު އަޑީ މަގުގެ ވިއުގަ އިން ޕޯޓް ސިޓީގައި ޓްރެފިކް ތޮއްޖެހުން ހައްލު ކުރެވޭނެ ކަމަށެވެ.

ސްރީ ލަންކާގެ މައި ބަނދަރާ ޖެހިގެން ހަދާ ޕޯޓް ސިޓީގެ ބިމުގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައެއް މިހާރު ވަނީ ހިއްކައިފަ އެވެ. ރަނަވަކާ ވިދާޅުވީ ޕޯޓް ސިޓީގެ 269 ހެކްޓަރު (665 އޭކަރު) ގެ ބިން މި އަހަރު ނިމެންވާ އިރަށް ހިއްކާ ނިމޭނެ ކަމަށެވެ. ޕޯޓް ސިޓީ ހިއްކުމުގެ މަސައްކަތް ކުރަނީ ސީސީސީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުންނެވެ.

ޕޯޓް ސިޓީ ނިމެންވާ އިރަށް ލަންކާ އިން މިހާރު ދަނީ އިންވެސްޓަރުންނަށް ލުއިތަކެއް ދޭން ގާނޫނުތަަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ޕޯޓް ސިޓީ އަށް 15 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަންކާ އިން އުއްމީދު ކުރެ އެވެ.