އެމެރިކާ، އިނގިރޭސި ވިލާތް އަދި ފްރާންސްގެ ވެރިންނަކީ މުޖްރިމުން: ޚާމަނާއީ

ތެހެރާން (އެޕްރީލް 16) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި އަަދި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން އަކީ "މުޖްރިމުން" ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


"އެ ތިން ގައުމުން ސީރިއާ އަށް ދިން ހަމަލާ އަކީ ކުށެއް. އެމެރިކާގެ ރައީސް އާއި ފްރާންސްގެ ރައީސް އަދި އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި އަކީ މުޖްރިމުން. ސީރިއާ އަށް ހަމަލާ ދީގެން އެ މީހުންނަށް ހޯދޭނެ އެއްޗެއް ނޯންނާނެ،" ޚާމަނާއީ ވިދާޅުވި އެވެ.

ސިޔާސީ އަދި އަސްކަރީ އިސްވެރިންނާ ބައްދަލު ކުރައްވާ ޚާމަނާއީ ވިދާޅުވީ ސީރިއާ އަށް ހަމަލާ ދިނީ އެ ގައުމުގެ ކެމިކަލް ހަތިޔާރު ނައްތާލަން ކަމަށް ޓްރަމްޕް ވިދާޅުވި ކަމަށާއި އެއީ ދޮގެއް ކަމަށެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތް އަދި ފްރާންސް އިން ސީރިއާ އަށް ހަމަލާ ދިނީ އެ ގައުމުގެ އިރުމަތީ ޣޫތާގައި ދިން ކެމިކަލް ހަމަލާއާ ގުޅިގެންނެވެ. ވައިގެ ހަމަލާ ދިނީ ސީރިއާގައި ކެމިކަލް ހަތިޔާރު އުފައްދާ ތަންތަނަށް ކަމަށް އެމެރިކާ އިން ބުނެފައިވެ އެވެ.