ވޮޝިންޓަން (ޖުލައި 23) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓް ހިލަރީ ކްލިންޓަނުގެ ރަނިން މޭޓެއްގެ ގޮތުގައި ވާޖީނިއާގެ ސެނޭޓަރު ޓިމް ކެއިން ހަމަޖައްސައިފި އެވެ.

ހިލަރީގެ ރަނިން މޭޓް އިއުލާން ކުރެއްވީ އެކަމަނާ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ. ރަސްމީކޮށް ރަނިން މޭޓް އިއުލާން ކުރާނީ މިއަދު އެވެ.

ހިލަރީ އިޚްތިޔާރު ކުރެއްވި އުމުރުން 58 އަހަރުގެ ކެއިން އަކީ މިނިވަން ވިޔަފާރީގެ ޚިޔާލަށް ތާއިދުކުރައްވާ ބޭފުޅެކެވެ. ނޮވެމްބަރު މަހުގެ އިންތިޚާބުގައި ކައިންގެ އުފަން ވާޖީނިއާ އަކީ މުހިންމު ސްޓޭޓެކެވެ. ކެއިން އަކީ ސްޕޭނު ބަހުން ފަރިތަކޮށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެހެން ކަމުން ހިސްޕޭނިކް ދަރިކޮޅުގެ މީހުންގެ ވޯޓު ހޯދުމަށް މިއީ މުހިންމު ކަމެކެވެ. ވާޖީނިއާގެ ގަވަރުނަރުކަމާއި މޭޔަރުކަން ވެސް ކުރައްވާފައިވާ ކެއިން ދުވަހަކު ވެސް އިންތިޚާބަކުން ނާކާމިޔާބުވެފައެއް ނުވެ އެވެ. ރައީސް ބަރަކް އޮބާމާގެ ރަނިން މޭޓެއްގެ ގޮތުގައި 2008 ވަނަ އަހަރު ޝޯޓްލިސްޓް ކުރި ފަރާތްތަކުގެ ތެރޭގައި ވެސް ކެއިން ހިމެނިވަޑައިގަންނަވަ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ގައުމީ ޖަލްސާ ފިލެޑެލްފިއާގައި އަންނަ ހޯމަ ދުވަހު ފަށާނެ އެވެ.

ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުންނަށް ދެއްވި މެސެޖެއްގައި ވަނީ އޮބާމާ އާއި ހިލަރީ އާއި ކެއިން އަކީ ފޭލްވެފައިވާ ބައެއް ކަމަށާއި އެހެންވެ އޮބާމާ އަށް "ތިން ވަނަ ދައުރެއް" ނުދިނުމަށް އެދިވަޑައިގެންފަ އެވެ.