ގުދުސް (މެއި 21) - ތެލް އަވީވުގައި ހިންގަމުން ދިޔަ ޕެރަގުއޭގެ އެމްބަސީ ގުދުސް އަށް މިއަދު ބަދަލުކޮށްފި އެވެ.
މިއީ ގުދުސް އަށް ބަދަލު ކުރި ތިން ވަނަ އެމްބަސީ އެވެ. ގުދުސް އަށް އެންމެ ފުރަތަމަ ބަދަލުކޮށްފައި ވަނީ އެމެރިކާ އެމްބަސީ އެވެ. މި މަހު 14 ވަނަ ދުވަހު އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރި ފަހުން ގުއަޓަމާލާ އެމްބަސީ ވެސް އޭގެ ދެ ދުވަސް ފަހުން ވަނީ ގުދުސްގައި ހުޅުވައިފަ އެވެ.
ގުދުސް އަށް އެމްބަސީ ބަދަލު ކުރުމުގެ ރަސްމިއްޔާތުގައި ޕެރަގުއޭގެ ރައީސް ހޮރަސިއޯ ކާޓްސް އާއި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބައިވެރިވެވަޑައިގެންނެވި އެވެ.
ޕެރަގުއޭގެ ރައީސް ވިދާޅުވީ އެއީ ތާރީޚީ ވަގުތު ކޮޅެއް ކަމަށެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިޒްރޭލާއި ޕެރަގުއޭގެ ގުޅުން ދަނޑުވެރިކަމާއި ސެކިއުރިޓީ އަދި ޓެކްނޮލޮޖީގެ ދާއިރާ އިން ވަރުގަދަވާނެ ކަމަށެވެ.
އިޒްރޭލުން ދަނީ އެހެން ގައުމުތަކުގެ އެމްބަސީ ވެސް ގުދުސް އަށް ބަދަލު ކުރުމަށް ބާރު އަޅަމުންނެވެ.
އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމުގެ ރަސްމިއްޔާތާ ދިމާކޮށް ގާޒާގައި ވަނީ ވަރަށް ބޮޑަށް ހަމަނުޖެހުން ހިންގައިފަ އެވެ. އިޒްރޭލް ސިފައިން ބަޑިޖެހުމުން ވަނީ ފަލަސްތީނުގެ 62 މީހުން ޝަހީދުކޮށްލައި 2،700 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ.