އެމެރިކާގެ ސުލްހައިގެ ޕްލޭނަށް އަރަބި ހަތަރު ގައުމެއްގެ ތާއީދު

ޖޯޑަން (ޖޫން 26) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ކޮންމެ ގޮތަކަށް ދެކެވަޑައިގެންނެވި ނަމަވެސް، މެދުއިރުމަތީގެ ސުލްހައާ ގުޅޭ ގޮތުން އެމެރިކާ އިން ހުށަހަޅާ ޕްލޭނަށް އަރަބި ހަތަރު ގައުމަކުން ތާއީދުކޮށްފައިވާ ކަމަށް އިޒްރޭލުގެ ނޫހަކުން ބުނެފި އެވެ.


މެދުއިރުމަތީގެ ސުލްހައިގެ މަންދޫބެއްގެ ގޮތުގައި އެމެރިކާ އިން ކަނޑައަޅާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިކަލުން އަދި ވައިޓްހައުސްގެ ސީނިއާ އެޑްވައިޒަރު ޖާރެޑް ކުޝްނާ އެވެ. އޭނާ ދާދި ފަހުން ވަނީ ޖޯޑަން، ސައުދީ އަރަބިއާ، މިސްރު، ގަތަރު އަދި އިޒްރޭލަށް ވަޑައިގެންފަ އެވެ.

އިޒްރޭލުގެ ހަޔޮމް ނޫހުން ބުނީ މިސްރު، ސައުދީ އަރަބިއާ، ޔުނައިޓެޑް އަރަބި އެމިރޭޓްސް އަދި ޖޯޑަންގެ އޮފިޝަލުން ވަނީ އެމެރިކާ އިން ހުށަހަޅަން އުޅޭ ސުލްހައިގެ ޕްލޭނަށް ތާއީދުކޮށްފައި ކަމަށެވެ. އެމެރިކާގެ ބިލިއަނާ ދެމަފިރިން ކަމަށްވާ ޝެލްޑަން އަދި މިރިއަމް އެޑެލްސަން ހިންގާ ނޫހުން ބުނީ ކުޝްނާއާ ބައްދަލު ކުރަން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ދެކޮޅު ހެއްދެވުމުން އަރަބި ގައުމުތަކުގެ އޮފިޝަލުން ހިތްހަމަނުޖެހިފައިވާ ކަމަށެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ނިންމުމާ ގުޅިގެން އެ ގައުމުގެ އޮފިޝަލުންނާ ބައްދަލު ކުރަން ފަލަސްތީނުގެ ވެރިން ގެންދަނީ ދެކޮޅު ހަދަމުންނެވެ. މެދުއިރުމަތީގެ ސުލްހައިގައި އެއްވެސް ރޯލެއް އަދާކުރުމުގެ ހައްގު އެމެރިކާ އަށް ދެން ނޯންނާނެ ކަމަށް ވެސް ރައީސް އައްބާސް ވަނީ ވިދާޅުވެފަ އެވެ.

އަރަބި ބަހުން ނެރޭ އަލް ގުދުސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކުޝްނާ ވިދާޅުވީ ރައީސް އައްބާސްގެ ބައިވެރިވުމެއް ނެތި ވެސް އިޒްރޭލް- ފަލަސްތީނުގެ ސުލްހައިގެ ޕްލޭން އެމެރިކާ އިން ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށެވެ. ސުލްހަ ހޯދުމުގައި ރައީސް އައްބާސްގެ ގާބިލްކަމާ މެދު އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.