އިޒްރޭލް- ފަލަސްތީނަށް ސުލްހަ ހޯދަން ދެ ދައުލަތް އުފެއްދުމުގެ ޚިޔާލު ޓްރަމްޕް ދޫކޮށްލައްވައިފި

ވޮޝިންޓަން (ފެބްރުއަރީ 16) - ދެ ދައުލަތް އުފައްދައިގެން ފަލަސްތީނު- އިޒްރޭލް މައްސަލަ އަށް ހައްލު ހޯދަން އެމެރިކާ އިން ޒަމާނުއްސުރެ ގެންގުޅުނު ސިޔާސަތު ރައީސް ޑޮނަލްޑް ޓްރަމްޕް ދޫކޮށްލައްވައިފި އެވެ.


އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މެދުއިރުމައްޗަށް ސުލްހަ ހޯދަން އާ ހުށަހެޅުންތަކެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެ ފަރާތުން ވެސް އެ ހުށަހެޅުމަށް ރުހެން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވާހަކަ ޓްރަމްޕް ވިދާޅުވެފައެއް ނުވެ އެވެ.

އިޒްރޭލާއި ފަލަސްތީނާ ދެމެދު 2014 ވަނަ އަހަރުން ފެށިގެން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

މެދުއިރުމަތީގެ ސުލްހަ އަށް އެންމެ ބޮޑަށް ހުރަސްއަޅާ ކަންތަކަކީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް އިޒްރޭލުން ގެދޮރު އަޅަމުން ގެންދިއުމެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިޒްރޭލުން ވަނީ އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރީގައި ޔަހޫދިންނަށް އެތައް ހާސް ގެއެއް އަޅަން ފާސްކޮށްފަ އެވެ.

ރައީސް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ރައީސް ބަރަކް އޮބާމާގެ އަށް އަހަރުގެ ވެރިކަމުގައި އެމެރިކާއާ އެކު އޮތް ގުޅުމަށް ބުރޫތަކެއް އެރި ނަމަވެސް އިޒްރޭލުން އުއްމީދު ކުރަނީ ޓްރަމްޕުގެ ވެރިކަމުގައި ވައިޓްހައުސްއާ ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރެވޭނެ ކަމަށެވެ.

ދެ ދައުލަތް އުފައްދައިގެން ސުލްހަ ހޯދުމަކީ 1967 ވަނަ އަހަރުގެ ހަނގުރާމައިގެ ކުރިން ފަލަސްތީނުގައި އޮތް ބިންތަކުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދާ އިޒްރޭލާ އެކު ސުލްހަވެރިކަމާ އެކު ދިރި އުޅުމެވެ. ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދިޔައީ މި ސިޔާސަތަށް ތާއީދު ކުރަމުންނެވެ.

ދެ ދައުލަތް އުފެއްދުމާ ބެހޭ ގޮތުން ނަތަންޔާހޫ ވިދާޅުވީ ފަލަސްތީނުން ފުރަތަމަ ޖެހޭނީ އިޒްރޭލުގެ މިނިވަން ދައުލަތް ގަބޫލް ކުރަން ކަމަށެވެ. އަދި ސުލްހައިގެ ކޮންމެ އެއްބަސްވުމެއްގައި އިޒްރޭލަށް ސަލާމަތީ ގޮތުން ޔަގީންކަން ލިބިދީފައި އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލު ކުރުމާ ބެހޭ ގޮތުން ޓްރަމްޕް ވެވަޑައިގެންފައިވާ އިންތިޚާބީ ވައުދާ ގުޅޭ ގޮތުން ސުވާލު ކުރުމުން ވިދާޅުވީ އެކަން އެގޮތަށް ވާން ބޭނުންވާ ކަމަށެވެ.

ވައިޓް ހައުސްގެ ސީނިއާ އޮފިޝަލަކު ވެސް ވިދާޅުވެފައި ވަނީ މެދުއިރުމައްޗަށް ސުލްހަ ހޯދޭނީ ހަމައެކަނި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައިގެން ނޫން ކަމަށެވެ.

މިއީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ހޮވިވަޑައިގެންނެވި ފަހުން ނަތަންޔާހޫއާ އެކު ބޭއްވި ސީދާ ސީދާ ފުރަތަމަ ބައްދަލުވުމެވެ.