ޓްރަމްޕާއި ނަތަންޔާހޫގެ އަނިޔާވެރިކަން ސިއްރެއް ނުކުރެވޭނެ: އިލްހާން

ވޮޝިންޓަން (އޮގަސްޓް 20) - ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ހިންގާ ޖަރީމާތައް ސިއްރު ނުކުރެވޭނެ ކަމަށާއި އެކަންކަން ބެލުމަށް އެމެރިކާގެ ކޮންގްރެސްގެ މެންބަރުން ފަލަސްތީނަށް ޒިޔާރަތް ކުރުމަށް ކޮންގްރެސްގެ މުސްލިމް އަންހެން ދެ މެންބަރުން ކަމަށްވާ އިލްހާން އުމަރާއި ރަޝީދާ ތަލީބް ގޮވާލައްވައިފި އެވެ.


އިހްލާން އާއި ތަލީބް ފަލަސްތީނަށް ވަޑައިގަތުމަށް ނިންމެވުމުން އިޒްރޭލުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ފަހުން ތަލީބަށް ވަނީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ އޭނާގެ މާމަ އަށް ޒިޔާރަތް ކުރުމަށް، ޝަރުތުތަކަކާ އެކު ފުރުސަތު ދީފަ އެވެ. ނަމަވެސް ފަލަސްތީން ދަރިކޮޅުގެ ތަލީބް ވަނީ އޭނާ ގަބޫލް ކުރާ އުސޫލްތަކާ ގުޅޭ ގޮތުން ފަލަސްތީނަށް ގޮސް ވާހަކަ ނުދެއްކޭ ނަމަ އެ ދަތުރު ނުދާން ނިންމައިފަ އެވެ. އަދި އޭނާގެ މާމަ އަށް އޮތް ލޯބި އިޒްރޭލް ބޭނުންވާ ގޮތަކަށް ކަންކުރަން ގުރުބާން ނުކުރާނެ ކަމަށް ވިދާޅުވި އެވެ.

އިލްހާން (ކ) އާއި ތަލީބް. --ފޮޓޯ:އޭޕީ

މިނެސޮޓާގެ ޑިމޮކްރެޓިކް މެންބަރު އިލްހާން ވިދާޅުވީ ޓްރަމްޕާއި ނަތަންޔާހޫ ގެންދަވަނީ ކޮންގްރެސްގެ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އަޅުއްވަމުން ކަމަށެވެ.

"އަޅުގަނޑު ހިތްވަރުދެން ކޮންގްރެސްގެ އެހެން މެންބަރުން ފަލަސްތީނަށް ވަޑައިގެން ކަންކަން އަމިއްލަ އަށް ބައްލަވައި، އެ މީހުންގެ ވާހަކަތައް އަޑުއެއްސެވުމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިލްހާން ވިދާޅުވި އެވެ. "ޓްރަމްޕާއި ނަތަންޔާހޫގެ އަނިޔާވެރިކަން ފޮރުވައިގެން ނުތިބެވޭނެ."

ފަލަސްތީނުގެ ޖަމާއަތަކުން އިންތިޒާމްކުރި ދަތުރެއްގައި އިލްހާން އާއި ތަލީބް ވަނީ ހުޅަނގު އައްސޭރި އާއި ގުދުސް އަށް ޒިޔާރަތް ކުރުމަށް ނިންމަވައިފަ އެވެ. ނަމަވެސް މުސްލިމް ދެ މެންބަރުން ފަލަސްތީނަށް ވަނުމުގެ ހުއްދަ އިޒްރޭލުން ނުދިނީ ޓްރަމްޕުގެ އެދިވަޑައިގަތުމަކަށެވެ.

ވައިޓް ހައުސްގެ ތަރުޖަމާން ހޯގަން ގިޑްލީ ވިދާޅުވީ އިޒްރޭލަށް ގެއްލުންދޭން އުޅޭ ކަމަށް ބެލެވޭ ބަޔަކު އެ ގައުމަށް ނުވެއްދުމަކީ އިޒްރޭލަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ގުދުސް އަށް ވަދެ ނުކުމެ އުޅުން ކޮންޓްރޯލް ކުރަނީ އިޒްރޭލުންނެވެ.

އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު ފަލަސްތީން ދަރިކޮޅުގެ ފުރަތަމަ މެންބަރު ތަލީބް، 43، އުފަންވީ މިޝިގަންގަ އެވެ. މިނެސޮޓާގެ މެންބަރުކަން ކުރައްވާ އިލްހާން، 37، އުފަންވީ ސޯމާލިއާގަ އެވެ. އޭނާ އެމެރިކާ އަށް ހިޖުރަކުރީ ވަރަށް ޅަ އުމުރުގަ އެވެ.