މުސްލިމުން އެމެރިކާ އަށް އެތެރެވުން މަނާކުރާ ނިންމުމަށް ކޯޓުގެ ތާއީދު

ވޮޝިންޓަން (ޖޫން 27) - މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުން އެމެރިކާ އަށް އެތެރެވުން މަނާކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމަށް އެ ގައުމުގެ އެންމެ މަތީ ކޯޓުން ތާއީދު ކޮށްފި އެވެ.


ޓްރަމްޕުގެ ނިންމެވުން ގާނޫނު އަސާސީއާ ޚިލާފު ކަމަށް ދަށު ކޯޓުތަކުން ނިންމާފައި ވަނިކޮށް އެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުކުރީ 5-4 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އަދި މިއީ ޓްރަމްޕުގެ ސަރުކާރަށް ލިބުނު ކާމިޔާބެއް ވެސް މެ އެވެ. ޓްރަމްޕް ވެސް ވަނީ މިއީ ގައުމަށާއި ގާނޫނު އަސާސީ އަށް ލިބުނު ކާމިޔާބެއް ކަމަށް ވިދާޅުވެފަ އެވެ.

މުސްލިމުން މަނާކުރުމުގެ އަމުރަށް ތާއީދު ކުރުމާ ގުޅިގެން އެމެރިކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި މުޒާހަރާ ކުރަނީ. --ފޮޓޯ:ރޮއިޓާސް

"ސުޕްރީމް ކޯޓުގެ ނިންމުމުން ދޭހަކޮށްދެނީ މީޑިއާ އާއި ޑިިމޮކްރެޓިކް ސިޔާސީ ފަރާތްތަކުން ދިން ހަމަލާތައް ގޯސްކަން،" ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާ އަށް އެތެރެވުން މަނާކޮށްފައި ވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަންގެ އިތުރުން ނޯތު ކޮރެއާ އަދި ވެނެޒުއެލާ މީހުންނެވެ. އެ ލިސްޓުގައި އިރާގު ކުރިން ހިމެނި ނަމަވެސް ފަހުން ވަނީ އެ ގައުމު އުނިކޮށްފަ އެވެ.