ޓްރަމްޕް އެންމެ ފަހުން ސުޕްރީމް ކޯޓުގައި ކާމިޔާބު ހޯއްދަވައިފި

ވޮޝިންޓަން (އޮކްޓޯބަރު 7) - އެމެރިކާގެ ސުޕްރީމް ކޯޓަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނޮމިނޭޓް ކުރެއްވި ބްރެޓް ކަވަނާގެ މައްޗަށް ތުހުމަތު ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު އެތައް ހުރަހަކަށް ފަހު އެންމެ ފަހުން ފަނޑިޔާރުކަމުގެ ހުވާ އޭނާ ކުރައްވައިފި އެވެ.


ކަވަނާ އަށް ސެނެޓުން ރުހުން ދީފައި ވަނީ 50-48 ވޯޓުންނެވެ. ކަވަނާގެ މައްޗަށް ކުރި ޖިންސީ ހުރިހާ ތުހުމަތެއް އޭނާ ވަނީ ދޮގު ކުރައްވައިފަ އެވެ. އެންމެ ފަހުން އެ ތުހުމަތުތައް އެފްބީއައި އިން ވެސް ވަނީ ތަހުގީގު ކުރަން ޖެހިފަ އެވެ.

އެމެރިކާގެ މިޑް-ޓާމް އިންތިޚާބު ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކަވަނާ ހަމަޖެހިގެން ދިއުމަކީ ސިޔާސީ ގޮތުން ޓްރަމްޕަށް ލިބުނު ކާމިޔާބީއެކެވެ. އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ތާރީޚީ ކާމިޔާބެއް ކަމަށެވެ.

އުމުރުން 53 އަހަރުގެ ކަވަނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހަމަޖައްސާފައި ވަނީ އުމުރަށެވެ. ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ހަމަޖެހުމާ ގުޅިގެން ނުވަ ފަނޑިޔާރުންގެ ބެންޗުގައި ކޮންޒަވެޓިވުންނަށް އަޣުލަބިއްޔަތު ލިބިގެންދާނެ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ